އިސްރާއީލުން ފަލަސްތީނުގެ ތިން މީހަކު ރަހީނުކޮށް، މިސްކިތެއްގައި އަލިފާން ރޯކޮށްލައިފިއެވެ.
މިއަދު ފަތިހު އިސްރާއީލުގެ ސިފައިން ހިންގި މި ޖަރީމާގައި ފަލަސްތީނުގެ ބައެއް މިސްކިތްތަކަށް އަރައިގަނެ،ހުޅަނގު އައްސޭރީގެ އުތުރު ފަރާތުގައި އޮންނަ ނަބްލޫސް ސިޓީގެ މިސްކިތެއްގައި ވަނީ އަލިފާން ރޯކޮށްލާފައެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އަސްކަރީ ގިނަ އުޅަނދުތަކެއް ނަބްލޫސް އާއި އެ ސިޓީގެ މުސްކުޅި ސިޓީގެ އެތައް އަވަށްތަކަކަށް އަރައިގަނެ، ލައިވް ރައުންޑްތަކާއި ގޭސް ބޮމާއި ކޮންކަޝަން ގްރެނޭޑްގެ ބާރުގަދަ ވަޒަން ޖަހާފައިވެއެވެ.
އެ އަރައިގަތުމުގެ ތެރޭގައި އިސްރާއީލު ސިފައިން ވަނީ ނަބްލޫސްގެ އައް ނަޞްރު މިސްކިތުގެ ބައެއް ބައިތަކުގައި މިއަދުގެ ފަތިސްވަގުތު ރޯކޮށްލާފައެވެ.އެ މިސްކިތުގައި އަލިފާން ރޯކޮށްލުމަށްފަހު، އިސްރާއީލު ސިފައިން ވަނީ އަލިފާން ނިއްވާލުމަށް ފަޔާ ފައިޓަރުންނަށްވެސް ހުރަސް އަޅާފައެވެ.
އެ މަންޒަރު ލޮލަށް ފެނުނު މީހުނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގައި މިސްކިތުގެ އިމާމް ކުއާޓަރ މުޅިން ހަލާކުވެ، މިސްކިތުގެ ފާރުތަކާއި ކާޕެޓްތަކަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.
އެ މިސްކިތް އިންސްޕެކްޓްކޮށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ ތެރެއިން ނަބްލޫސްގެ މެޑިކަލް ރިލީފް ސޮސައިޓީގެ ޑިރެކްޓަރު ޣައްސާން ހަމްދާން ވަނީ އިސްރާއީލުން މިސްކިތްތަކަށް ދިން ހަމަލާ ކުށްވެރިކޮށްފައެވެ.
ނަބްލޫސްގެ ޑިރެކްޓަރު ޖެނެރަލް އޮފް އެންޑޯމެންޓްސް ޝެއިޚް ނާސިރު ސަލްމާން ވިދާޅުވީ މިފަދަ ކަންކަން އިތުރުވުމަކީ ދީނީ އަދި އަޚްލާގީ ހުރިހާ އަގުތަކެއްގެ އިތުރުން ބައިނަލްއަގްވާމީ މުއައްސަސާތަކުން އިއުލާންކުރާ ބައިނަލްއަގްވާމީ އުސޫލުތަކާއި އިންސާނީ ހައްގުތަކުގެ އުސޫލުތަކަށް ފާޅުކަން ބޮޑު ގޮތެއްގައި އަރައިގަތުން ކަމަށެވެ.
މި އަމަލު ކުށްވެރިކޮށް އެކަންކަން ނިމުމަކަށް ގެނައުމަށް ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށާއި އިންސާނީ ހައްގުތަކާބެހޭ ޖަމިއްޔާތަކަށް ޝެއިޚް ނާސިރު ސަލްމާން ވަނީ ގޮވާލާފައެވެ.


