ކުޅިވަރު ދާއިރާގައި ރާއްޖެއާއި ސްރީ ލަންކާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.
ކުޅިވަރާބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ސްރީ ލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ އެކްސެލެންސީ ޑީ. އަމާނުﷲ ވަނީ ދެ ޤައުމުގެ ކުޅިވަރު ދާއިރާ ކުރިއެރުވުމަށް އެއްބާރުލުން ދެވިދާނެ ގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މިބައްދަލުވުމުގައި މިނިސްޓަރ ރާފިޢު ވަނީ ރާއްޖޭގެ ކުޅިވަރު ތަރައްޤީކުރުމަށް އެކުލަވާލާފައިވާ މަސްޓަރ ޕްލޭނުގެ މައިގަނޑު ނުކުތާތައް ސަފީރު އަމާނުﷲ އާ ހިއްސާކުރައްވާފައެވެ.
މީގެއިތުރުން، ދެ ޤައުމުގެ ޤައުމީ ޓީމުތަކުގެ މެދުގައި އެކުވެރިކަމުގެ މުބާރާތްތައް ބޭއްވުމާއި، ޓްރެއިނިންގ ކޭމްޕްތައް އިންތިޒާމުކުރުމާއި، ކޯޗުންނާއި ކުޅުންތެރިން ބަދަލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާ ބެހޭގޮތުން މިބައްދަލުވުމުގައި ވާހަކަދެކެވުނެވެ. އަދި ޚާއްޞަކޮށް ޓޭބަލް ޓެނިސް އަދި ވޮލީބޯޅައިގެ ދާއިރާއިން ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
ރާއްޖޭގެ ކުޅިވަރު ދާއިރާ ކުރިއެރުވުމަށް ސްރީ ލަންކާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް މިނިސްޓަރ ރާފިޢު ޝުކުރު އަދާކުރައްވާފައިވާއިރު، ސަފީރު އަމާނުﷲ ވަނީ ކުރިއަށް އޮތް ތަނުގައިވެސް މި އެހީތެރިކަން ދެމެހެއްޓުމަށް ސްރީ ލަންކާ ސަރުކާރުން ގަސްތުކުރައްވާ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.




