ދުނިޔޭގެ ވައިލްޑްލައިފް ދުވަސް ފާހަގަކުރުމަށް ޚާއްޞަ ފޮޓޯގްރަފީ މުބާރާތެއް ބާއްވަން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި މުބާރާތުގައި ބައިވެރިވެވޭނީ ރާއްޖޭގައި ދިރިއުޅޭ 18 އަހަރުން މަތީގެ ފަރާތްތަކަށް ކަމަށެވެ.އަދި މި މުބާރާތަށް ހުށަހަޅާ ފޮޓޯތަކަކީ ފާއިތުވި 2 އަހަރުގެ ތެރޭގައި ނަގާފައިވާ ފޮޓޯއަކަށް ވާން ޖެހޭނެ ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް މުބާރާތަކަށް ހުށަހަޅާފައިނުވާ ފޮޓޯތަކަކަށް ވާންޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
ތިން ކެޓަގަރީއަކަށް ބަހާލައިގެން ބާއްވަން ހަމަޖެހިފައިވާ މި މުބާރާތުގައި ވައިލްޑްލައިފް، އޭރިއަލް ޑްރޯން ހިމެނޭހެން ދިރޭތަކެތީގެ ހެބިޓެޓް ކެޓަގަރީން ފޮޓޯތައް ބައިވެރިކުރެވޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އޭގެ ތެރެއިން ޖަޖުންގެ ޕެނަލުން ހޮވާލެވޭ އެންމެ މޮޅު 10 ފޮޓޯ އާޓް އެގްޒިބިޝަނެއްގެ ގޮތުގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެންމެ މޮޅު ފޮޓޯ ހޮވުމުގައި ބަލާނީ ފޮޓޯގެ ކޮލިޓީއާއި އޭގައި ހިމެނިފައިވާ ވާހަކައާއި ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން ހާމަކޮށްދޭ ފޮޓޯތަކަށް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ހަމައެހެންމެ މުބާރާތުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމުގެ އިތުރުން ވަނަތަކަށް ހޮވޭ ފޮޓޯތައް ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގައި ބޭނުންކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
މި މުބާރާތަށް ފޮޓޯ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހެވެ.
އެހެންކަމުން މި މުބާރާތުގެ ގަވައިދާއި މާކްސް ދެވޭނެ ގޮތް އަދި ފޮޓޯ ހުށަހަޅަންޖެހޭ ގޮތުގެ މަޢުލޫމާތުވެސް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ.



