ކުޅި ހަދާނެ ގޮތް ވަރަށް ގިނައިން ކިޔައި ދެވިއްޖެ ދޯއެވެ. އެހެންކަމުން މިފަހަރު މި ކިޔައިދެނީ ވަރަށް ތަފާތު، އެހާމެ މީރު އަދި އެހާމެ ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ޕައިއެއްގެ ރެސިޕީ އެވެ.
ބޭނުންވާނެ ތަކެތި:
▪︎ 250ގ. މާރީ ބިސްކޯދު (މުގުރާފަ)
▪︎ 275ގ. ބަޓަރ
▪︎ 1 ދަޅު ގެރިކިރު
▪︎ 175ގ. ކެސްޓަރ ޝުގަރ ނުވަތަ އާދައިގެ ހަކުރު ވެސް ރަނގަޅުވާނެ
▪︎ 2 ޖޯޑު އައިސްކްރީމް
▪︎ 2 ދޮންކެޔޮ
▪︎ 1 ޗޮކްލެޓް (ގާނާފަ)
ތައްޔާރުކުރާނެ ގޮތް:
- އެންމެ ފުރަތަމަ ބަޓަރ ކޮޅުގެ ދެބައިކުޅައެއްބައި ވިރުވާފަ އޭގެ ތެރެއަށް މާރީ ބިސްކޯދުކޮޅު އަޅާފަ އެއްކޮށްލުމަށްފަހު މޮޑެލާށެވެ.
- ދެން އެތަކެތި ޓްރޭ އަކަށް އެޅުމަށްފަހު 1 ގަޑިއިރެއްހާއިރު ފިނި ކުރަން ފްރިޖަށް ލާފަ ބަހައްޓާށެވެ.
- ދެން ބާކީ ހުރި ބަޓަރުކޮޅާއި ހަކުރު ތަވާޔަކަށް އެޅުމަށްފަހު މަޑު ގިނީގައި ވިރުވާލާށެވެ.
- ހަކުރާއި ބަޓަރ ވިރި، ރަނގަޅަށް އެއްވުމުން އޭގެތެރެއަށް ގެރިކިރު އަޅާ ފަސް މިނެޓު ވަންދެން ކައްކާލާށެވެ. އެއިރުން ކެރަމަލްކޮޅު ތައްޔަރުވީއެވެ.
- ދެން ދޮންކެޔޮ ވަށް ފޮއްޗަށްވާގޮތަށް ކޮށުމަށްފަހު ކުރިން ތައްޔާރުކޮށްފައި ހުރި ބިސްކޯދު ޓްރޭގެ މަތީގައި ރީއްޗަށް އަތުރާލާށެވެ.
- އެއަށްފަހު ތައްޔާރު ކޮށްފައިހުރި ކެރަމަލްކޮޅު ބިސްކޯދުތަކުގެ މައްޗަށް އަޅާލާށެވެ.
- ކެރަމަލްގަނޑު ހަރުވަންދެން ފްރިޖުގައި އެއް ގަޑިއިރު ވަންދެން ބަހައްޓާ ފިނިކުރާށެވެ.
- އެއްކޮށް ހަރުވެ ފިނިވުމުން އޭގެ މައްޗަށް އައިސްކްރީމް އާއި ގާނާފައިހުރި ޗޮކްލެޓްކޮޅު އަޅާލާށެވެ.




