މާލޭގެ ހުރިހާ ކާނުތައް ސާފުކުރުމުގެ މަސައްކަތް 6 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާގެ އިސްނެގުމުގެ ދަށުން ކާނުތައް ސާފުކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު، މިމަސައްކަތްތަކާއި ގުޅޭ ގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި މާލެއަށް ވެހުނު ބޯ ވާރޭއާ ގުޅިގެން ފެންބޮޑުވުމުގެ ހާދިސާތަކުން ކާނުތަކުން އެކަށީގެންވާ މިންވަރަށް ފެން ނުހިންދޭކަން ވަނީ ފާހަގަވެފައެވެ.
މިކަމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެ، އާންމު ރައްޔިތުންނަށްވެސް ގިނަގުނަ ދަތިތަކާ ކުރިމަތިލާން ޖެހުނުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިހާރު ފަށާފައިވާ މަސައްކަތުގެ ދަށުން މާލޭގާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކުރެވޭނެ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ އެންމެ ފުރަތަމަ އަމާޒުކުރާނީ މައި މަގުތަކާއި ފެންބޮޑުވުމުގެ މައްސަލަ ޖެހޭ ސަރަހައްދުތަކުގެ ކާނުތައް ސާފުކުރުމަށް ކަމަށާއި މި މަސައްކަތް ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
”މި މަސައްކަތް ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން. ސާފުކުރާ ސަރަހައްދުގައި 24 ގަޑިއިރު ކުރިން ކޯނު ޖަހަން ޖެހޭތީ އެކަން ވެސް ކުރެވޭނީ އެގޮތަށް“ ވަޒީރު ވިދާޅުވިއެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަކީ ވެރިރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާއިރު މި މައްސަލަ ދިމާވުމުގެ މައިގަނޑު އެއް ސަބަބަކީ ކާނުތައް ބެދި ފެން ނުހިންދުމެވެ. ގިނަ މަގުތަކުގެ ކާނުތައް ވަނީ ކުނިބުނިން ފުރި އޮވެ ފެން ނުހިންދޭ ހާލަތަށް ގޮސްފައެވެ.
ވާރޭވެހި ފެންބޮޑުވާ ކޮންމެ ފަހަރަކު މި މައްސަލަ ހައްލުކުރަމުން އަންނަނީ ސިފައިންނާއި ފުލުހުންނާއި ސިޓީތަކާ ބެހޭ ވުޒާރާގެ އާންމު މަސައްކަތްތަކާބެހޭ ޔުނިޓުގެ މުވައްޒަފުން ނުކުމެ ފެން ހިންދުމުގެ މަސައްކަތް ކުރުމުންނެވެ.




