އައްޑޫ ސިޓީގެ ފޭދޫގައި ސިޓީ ހޮޓަލެއް ޤާއިމްކޮށް ހިންގުމަށްޓަކައި ބީލަން ހުށަހެޅުމުގެ ދޮރު ވަނީ ހުޅުވާލާފައެވެ.
އައްޑޫ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހޮޓާ އެޅުމަށް ހަމަޖެހިފައިވަނީ ފޭދޫގެ ހުޅަނގު ފަރާތުން އަލަށް ހިއްކާފައިވާ ބިމުގައި، ސަވާހެލި ރަށާ ދިމާލުގައެވެ.
މި ސަރަހައްދަކީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓާ ވަރަށް ކައިރި، އެންމެ 2 ކިލޯމީޓަރުގެ ދުރުމިނުގައި އޮންނަ ތަނެކެވެ.
ކައުންސިލުން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ޕްރޮޖެކްޓްގެ ދަށުން ތަރައްޤީކުރެވޭނީ 45 ކޮޓަރީގެ ސިޓީ ހޮޓަލެކެވެ. މި ހޮޓާ އިމާރާތްކުރުމަށް ދޫކުރެވޭ ބިމުގެ ބޮޑުމިނަކީ 16,000 އަކަފޫޓެވެ. އަދި މި ބިން ކުއްޔަށް ދޫކުރެވޭނީ އެންމެ ގިނަވެގެން 50 އަހަރުގެ މުއްދަތަށެވެ.
މި މަޝްރޫޢުގައި ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު މަޢުލޫމާތު ހޯދުމަށާއި ބީލަން ފޮތް ގަތުމަށް މި މަހުގެ 9 ވަނަ ދުވަހުން 19 ވަނަ ދުވަހާ ހަމައަށް ފުރުޞަތު ދެވިފައިވާ ކަމަށާއި މި ކަންކަން ކުރެވޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އާ ދެމެދު ކައުންސިލް އިދާރާއިން ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް، ރައްޔިތުންނަށް ފަތުރުވެރިކަމުގެ މަންފާ ލިބޭނެ މަގު ފަހިކޮށްދިނުމުގެ އިތުރުން، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް އައްޑޫ ސިޓީގެ އިޤްތިޞާދު ކުރިއެރުވުމެވެ.
އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މީގެތެރޭގައި ގަން އިންޓަނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތްތަކާއި، ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ ދަތުރުތައް ފެށުމަށް ކުރެވޭ މަސައްކަތްތައް ހިމެނެއެވެ.



