ހުޅުމާލޭގައި ހުރި ގެއެއް ބަލައިފާސްކޮށް، 14 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަންހެންމީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ހއ. ތުރާކުނު އާހިޔާ / މަރްޔަމް ޒީނާ (23އ.) އެވެ.
ޒީނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ ޒީނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އޭނާ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ފުރަތަމަ ވަނީ 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
އެ މުއްދަތު ހަމަވުމުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އިތުރު 15 ދުވަސް އޭނާގެ ބަންދަށް މިހާރު ވަނީ ޖަހާފައެވެ.



