ފަލަސްތީނުގެ އަންހެނުންނަށް ކުރިމަތިވެފައިވާ ތަކުލީފަށް ބީރު ކަންފަތް ދިނުމަކީ މުޅި އިންސާނިއްޔަތަށް އޮތް ލަދެއް ކަމަށް ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރަމުން އަންނަ ހަމާސް ޖަމާއަތުން ބުނެފިއެވެ.
ދުނިޔޭގެ އަންހެނުންގެ ދުވަހުގެ ގޮތުގައި މިއަދު ފާހަގަކުރާއިރު، ހަމާސް އިން ބުނީ ފަލަސްތީނުގެ 12،000 އަށް ވުރެ ގިނަ އަންހެނުން ޝަހީދުވުމާއި އެތައް ހާސް ބަޔަކު ޒަޚަމްކޮށް ހައްޔަރުކުރުމާއި ޣައްޒާގައި ލައްކައެއްހާ މީހުން ގެދޮރު ދޫކޮށްލަންޖެހުމަކީ ”އިންސާނިއްޔަތުގެ ބުރަކަށީގައި ޖެހިފައިވާ ލައްގަނޑެއް“ ކަމަށެވެ.
އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ހޮނިހިރު ދުވަހު ޙަމާސުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރާއިރު، ޒަޔަނިސްޓް ސަހްޔޫނީން ހިފާފައިވާ ބިންތަކުގައި ޔަހޫދީން އަންހެނުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ވާހަކަ މުޅި ދުނިޔެއަށް ކިޔައިދޭން މިއީ ރަނގަޅު ދަނޑިވަޅެއްކަމުގައެވެ.
އެތަނުގައި ބާރުގަދަ ބޮން ގޮއްވައި، ކޮންމެ ދުވަހަކު ގަތުލުއާންމުހިންގާ ގެދޮރު ދޫކޮށް ދާން މަޖުބޫރުކުރުމާއި، ޖަލުތަކުގައި ހައްޔަރުކޮށް އަނިޔާކުރުމާއި، އެންމެ އަސާސީ އިންސާނީ ހައްގުތައް ނިގުޅައިގަތުމަކީ މިއަދު ފަލަސްޠީނު އަންހެނުން ތަޙައްމަލް ކުރަމުންދާ ވޭންތައް ކަމަށެވެ.
”މި ޖަރީމާތައް ހުއްޓުވައި ޒަޔަނިސްޓުން ކުށްވެރިކުރުމުގައި ބައިވެރި ނުވެ ހިމޭނުންތިބޭ އެންމެހާއި އަދި އިހުމާލުވާ ހުރިހާ އެންމެންނަށް، ހާއްސަކޮށް އަންހެނުންނާއި އެމީހުންގެ ހައްގުތައް ހިމާޔަތްކުރާ ކަމަށް ބުނާ މީހުން މިއަދު މި އަނިޔާވެރިކަމުގައި އެއްވެސް ސިފައެއްގައި ބައިވެރިވާ އެންމެން މިކަމުގެ ޒިންމާއެއް އުފުލަން ޖެހޭ“ ކަމަށް ހަމާސް އިން ބުނެފައި ވެެއެވެ.
ޙަމާސުން ބަޔާންކޮށްފައި ވަނީ އިޒްރޭލު ޖަލުތަކުގައި ތިބި ފަލަސްތީނުގެ އަންހެން ގައިދީންނާމެދު ”އެމެރިކާގެ ސަރުކާރާއި ހުޅަނގުގެ ބައެއް ގައުމުތަކުން ގެންގުޅޭ ދެފުއްދެގޮތްކަން ފަލަސްޠީނުގެ ރައްޔިތުންނާ ގުޅޭ ކޮންމެ ޢަމަލެއްގައި ފާޅުވާން ހުންނަ ކަމަށެވެ.
ފަލަސްޠީނު ޤައިދީންނަށް ޖަލުތަކުގައި ލިބޭ އަނިޔާތަކަކީ ބައިނަލްއަގްވާމީ ހުރިހާ އުސޫލުތަކާއި އެއްބަސްވުންތަކާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފު ޢަމަލުތަކެއް ކަމަށްވެސް ހަމާސް އިން ބުނެފައި ވެއެވެ.
ފަލަޞްޠީނުގެ ފަރާތުން ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުގެ ވެރިޔާ ސަލާމާ މައުރޫފް ވިދާޅުވީ ޣައްޒާގައި އިސްރާއީލުން ހިންގި ހަނގުރާމައިގައި 2،000 އަންހެނުންނާއި އަންހެން ކުދިންގެ އަތްފައި ނެތި ދިއުމުގެ ސަބަބުން ދާއިމީ ނުކުޅެދުންތެރިކަން ކުރިމަތިވެފައިވާ ކަމަށެވެ.
ސަލާމާ މައުރޫފް އިތުރަށް ބުނީ ޣައްޒާގައި އިސްރާއީލުން ހިންގި ނަސްލު ނައްތާލުމުގެ ޖަރީމާގެ ސަބަބުން އެތައް ބައްޔެއް ޖެހި، ޑިޓެންޝަން ސެންޓަރުތަކުގައި އެތައް އަންހެނުންނެއް ތިބެން ޖެހިފައިވާ ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އިސްރާއީލުން ފަލަސްޠީނުގެ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ”13901 އަންހެނުން ހުވަފަތްވެ 17،000 މައިންގެ ދަރިން ޝަހީދުވެ، 50،000 މާބަނޑު އަންހެނުންގެ ދަރިން ލާއިންސާނީ ޙާލަތްތަކުގައި ވަނީ ބައިގެންގޮސްފައެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް އައިއިރު މިއަދުވެސް މި ދިމާވަނީ އިސްރާއީލުގެ ހިޞާރު ކުރިއަށް ގެންދާތީ ޣައްޒާއަށް އެހީގެ ތަކެތި ވެއްދުން މަނާކުރަމުންދާތީ ފަލަސްޠީނުގެ އަންހެނުންނާއި އަންހެން ދަރިންނަށް ކާއެތިކޮޅެއް ނުލިބި ބަނޑަށް ހުންނަންޖެހޭތަން ކަމަށްވެސް ސަލާމާ ވަނީ ވިދާޅުވެފައެވެ.



