ފަލަސްތީނުގެ ޣައްޒާގައި ދިވެހިންގެ މަސައްކަތުން ބޮޑު ރޯދަ ވީއްލުމެއް އިއްޔެ ބާއްވައިފިއެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އިންތިޒާމުކޮށްގެން ބާއްވާފައިވާ މިރޯދަ ވިއްލުމުގައި ޣައްޒާގެ އެތައް ސަތޭކަ ރައްޔިތުންނެއް ބައިވެރިވެފައިވާ ކަމަށް އައިއޭސީން މައުލޫމާތުދެއެވެ.
އެޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ޣައްޒާގައި އިތުރު ރޯދަ ވީއްލުންތަކާއި ރޯދަ ވީއްލުމުގެ ޕެކޭޖްތައް ބެހުން ފަދަ އެހެނިހެން ހަރަކާތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
އިޒްރޭލުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓާލާފައިވާކަން ފާހަގަކޮށް، ދިވެހި ސަރުކާރުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށުމާ ގުޅިގެން، ޣައްޒާގައި 48,000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 100,000 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ.
ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިވަގުތު ޣައްޒާގެ ބައި މިލިއަނަށްވުރެ ގިނަ މީހުން ތިބީ ބަނޑުހައިހޫނުކަމުގެ ޙާލަތުގައެވެ.




