މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި ކާމިޔާބީތަކެއް ހާސިލު ކުރެވިފައިވީނަމަވެސް، އެ ދާއިރާއިން އިތުރަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެންޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ސިޔާމް މިހެން ވިދާޅުވީ މިއަދަކީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހަށްވުމާ ގުޅިގެން ނެރުއްވި ޚާއްސަ ބަޔާނެއްގައެވެ.
އެގޮތުން ސިޔާމް ވިދާޅުވީ މިއަދަކީ ގައުމަށް ދިވެހި ކަނބަލުން ކޮށްދެއްވަމުން އަންނަ ޚިދުމަތުގެ އަގު ވަޒަންކޮށް ޝުކުރު އަދާ ކުރުމަށް މުހިންމު ފުރުސަތެއް ކަމަށެވެ.
”ޚާއްސަކޮށް ޖިންސީ ތަފާތުކުރުންތައް ނައްތާލުމާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އިތުރު މަސައްކަތްތަކެއް ކުރުމަކީ މުހިންމު ކަމެއް“ މީދޫ ދާރިރާގެ މެންބަރު ސިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން ސިޔާމް ވިދާޅުވީ ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު އިތުރުކުރުމަކީ މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށާއި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެގޮތުން ސިޔާސީ މައިދާނަކީ އަންހެނުންނަށް ވަނުމަށް އެންމެ ގޮންޖެހުންތައް ބޮޑު އާއްމު ދާއިރާތަކުގެ ތެރެއިން އެއް ދާއިރާ ކަމުގައިވާތީ، ވެރިކަން ހިންގުމުގެ ނިޒާމާއި، ގާނޫނު ހެދުމުގެ ނިޒާމާއި، އަދުލު އިންސާފު ގާއިމު ކުރުމުގެ ނިޒާމުގެ ތެރޭގައި އަންހެނުންނަށް ފުރިހަމައަށް ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ އިސް އަމާޒަކަށް ވާން ޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.



