ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ހާޒިރުވާން އޮތް ދުވަސް އާދީއްތަ ދުވަހުން ހޯމަ ދުވަހަށް ބަދަލުކޮށްފިކަމަށް އަންގައިފިއެވެ.
ޑރ. އަޒްމިރާލްދާ ޖޭއެސްސީއަށް ހާޒިރުކުރަނީ އޭނާގެ ފިރިކަލުންނަށް ތުހުމަތު ކުރެވޭ މައްސަލައަކަށް ނުފޫޒު ފޯރުވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ. އެއީ މަސާޖު ޕާލާއަކުން ޑރ. އަޒްމިރަލްޑާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދު ކުރި މައްސަލައަށް ނުފޫޒު ފޯރުވިކަަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
ޑރ. އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލު މަޢުލޫމާތު ދެއްވިގޮތުގައި، ކުރިން އާދީއްތަ ދުވަހުގެ 11:00 އަށް ހާޒިރުވުމަށް އެންގި އެންގުން ބަދަލުކޮށް، ޖޭއެސްސީއިން ވަނީ މިހާރު ވަނީ ހޯމަ ދުވަހަށް ބަދަލުކޮށްފައިވާ ފޯނުން އަންގާފައިވެއެވެ. ނަމަވެސް ވަކި ގަޑިއެއް އަދި ކަނޑައަޅާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އަނެއް ފަނޑިޔާރު މަހާޒު އަލީ ވެސް ޖޭއެސްސީއަށް ހާޒިރުކުރުމަށް ހަމަޖެހިފައިވާއިރު މަހާޒު އަލީ ހާޒިރުވާން އޮތީ އާދީއްތަ ދުވަހުގެ މެންދުރު 13:00 އަށެވެ. މަހާޒު އަލީގެ ހާޒިރުވުމުގެ ގަޑިއަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
މި ދެ ފަނޑިޔާރުންނާ ގުޅޭ އިތުރު މައްސަލައެއްވެސް ޖޭއެސްސީގައި ބަލަމުންދާއިރު އެއީ ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސެއިން މުޙައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ކުރީގެ ފަނޑިޔާރު ހުސްނުއްސުޢޫދު ނޭއްގާނީ ގޮތަކަށް މުޢާމަލާތްކުރި މަޖިލީހުގައި ޑރ. އަޒްމިރާލްދާ އާއި މަހާޒު އަލީ ވެސް ތިބިކަމަށް ބުނާ މައްސަލައެވެ.
ފަނޑިޔާރުކަމުގެ މަޤާމުން ސަސްޕެންޑް ކޮށްފައި ވަނިކޮށް، ހުސްނުއްސުޢޫދު ވަނީ ހުސްވި ހަފުތާގައި އިސްތިޢުފާ ދެއްވާފައެވެ.



