މި ހިނގާ ރަމަޟާން މަހުގެ ފުރަތަމަ 7 ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ ގޮތް ސްޓެލްކޯއިން މިރޭ ހާމަކޮށްފިއެވެ.
ސްޓެލްކޯއިން މިރޭ ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރަމަޟާންމަހުގެ ފުރަތަމަ 7 ދުވަހު މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، އެއް ޕެޓާންއަކަށް ކަރަންޓު ބޭނުން ކުރެވެމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.
އެގޮތުން ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6 ކާއި ހަމައަށް ކަރަންޓު ބޭނުން ކުރާ މިންވަރު ދަށްވެ، ހެނދުނު 6 އިން 9 ޖެހުމާއި ހަމައަށް އެއްހަމައެއްގައި މަތިވަމުންގޮސް، ހެނދުނު 9 އިން ފެށިގެން މެންދުރު 1 އާއި ހަމައަށް (މި ގަޑިތަކަކީ ހޫނު ގަދަވަމުންދާ ގަޑިތަކަކަށްވުމުގެ އިތުރުން، އެއީ އޮފީސް ގަޑިއަށްވުމާއެކު) ކަރަންޓު ބޭނުން ކުރަމުންދާ މިންވަރު އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ފާހަގަ ކޮށްފައިވެއެވެ.
އަދި މެންދުރު 1 ކާއި ހަވީރު 5 އާއި ދެމެދު، ހޫނުވުމުގެ އިތުރުން، ރަމަޟާން މަސް ކަމަށްވާތީ (މި ވަގުތަކީ ބަދިގޭގެ އެޕްލަޔަންސްތައް ގިނައިން ބޭނުންކުރާ ވަގުތަކަށް ވާތީ) ކަރަންޓު ބޭނުންކުރާ މިންވަރު މި ގަޑިތަކުގައި އިތުރު ކަމުގައި ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
މީގެ އިތުރުން ހަވީރު 5 ން ފެށިގެން ރޭގަނޑު 7 ޖެހުމާއި ހަމައަށް ކަރަންޓު ބޭނުން ކުރާ މިންވަރު ދަށް ކަމަށް ފާހަގަ ކުރެވުނު ނަމަވެސް، އޭގެ ފަހުން ދަންވަރު 12 ޖެހުމާއި ހަމައަށް މެންދުރުގެ ލޯޑާއި އެއްވަރެއްގައި ކަރަންޓު ބޭނުން ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެހެން ކަމުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުކަމަށް ފާހަގަ ކުރެވިފައި މިވާ ގަޑިތަކުގައި ކަރަންޓު އިގްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.



