އިންޑިއާގެ ޓެމިލްނާޑޫއިން ރާއްޖެއަށް ކަނޑުމަގުން އެތެރެކުރަން އުޅުނު 30 ކިލޯގެ މަސްތުވާތަކެތީގެ ޝިޕްމަންޓެއް އަތުލައިގެންފިއެވެ.
އަތުލައިގެންފައި ވަނީ ހެޝިޝް އޮއިލްގެ ޝިޕްމަންޓެއް ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ، އިންޑިއާގެ ނޫސްތަކުން ބުނެފައިވެއެވެ.
އެ ތަކެތި ހުރީ ލުއިކާނާފަދަ ތަކެތި ބަންދު ކޮށްފައި ހުންނަ ޕެކެޓުތަކުގައި ބަންދުކޮށްފައި ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާ ސިފައިން މިދިޔަ ބުދަ ދުވަހުގެ ރޭ އަތުލައިގެންފައިވާ މަސްތުވާތަކެތީގެ އެ ޝިޕްމަންޓުގެ މަގުމަތީ އަގު 3.8 މިލިއަން ޑޮލަރު (58.5 މިލިއަން ރުފިޔާ) އަަށް އަރައެވެ.
މަސްތުވާތަކެތީގެ މި ބޮޑު އޮޕަރޭޝަން ހިންގާފައިވަނީ އިންޑިއާގެ ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރުއައި) އާއި އިންޑިއަން ކޯސްޓް ގާޑު (އައިސީޖީ) ގުޅިގެންނެވެ.
އެގޮތުން ޓެމިލްނާޑުގެ ޓުޓިކޮރިން ބަނދަރުން މާލެއަށް މަސްތުވާތަކެތީގެ ޝިޕްމަންޓެއް އުފުލާކަމުގެ މައުލޫމާތު ޑީއާރުއައިއަށް ލިބި، މިދިޔަ ބުދަދުވަހު އެކަން އައިސީޖީއާ ހިއްސާކުރި ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
މަސްތުވާތަކެތި އުފުލީ ޝުވޭ ލިން ޔޯން ނަމަކަށް ކިޔާ ޓަގުބޯޓެއްގައި ކަމަށާއި އެ ބޯޓު ހުއްޓުވީ، ބުދަދުވަހުގެ ރޭ އައިސީޖީގެ ދެ އުޅަނދުން ހިންގި އޮޕަރޭޝަނެއްގައި ޓެމިލްނާޑު އާއި ޝްރީ ލަންކާއާ ދެމެދުގައި އޮންނަ ގަލްފް އޮފް މަންނާއިން ކަމުގައި ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.




