ޤަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ރައްޔިތަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ ސޮފިޤުލް އިސްލާމް ނަމަކަށް ކިޔައި އުމުރުން 44 އަހަރުގެ ފިރިހެނެކެވެ. އޭނާ ޑީޕޯޓު ކުރުމަށް މިހާރު އިމިގްރޭޝަނާ ހަވާލު ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިމަހުގެ 5 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލޭ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކޮށް އަދި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށްފައިވެއެވެ.
އެގޮތުން ބަލައިފާސްކުރުމުގެ ތެރެއިން 18 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި މީހާ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފަވާއިރު ޤަވާޢިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ވިއްކާ ބިދޭސީން ހައްޔަރުކޮށް، 24 ގަޑިއިރުތެރޭ ޑީޕޯޓު ކުރެވޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖައްސާފައެވެ.
އެގޮތުން މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤައުމުގެ އިޤްތިސާދު ކުރިއެރުވުމަށް އޮތް އަނެއް ބޮޑު ހުރަހަކީ، ޑްރަގުގެ ވަބާ ކަމަށާއި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ލތަކެތީގެ ވިޔަފާރިކޮށް، ޤަވާޢިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ވިއްކާ ބިދޭސީން ހައްޔަރުކޮށް، 24 ގަޑިއިރުތެރޭ ޑީޕޯރޓު ކުރެވޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖައްސާފައި ކަމަށް ވިދާޅުވެފައެވެ.




