މާދަމާއަކީ މިއަހަރުގެ ބައިނަލްއަގުވާމީ ކޮމަންވެލްތު ދުވަސް ކަމުގައިވާތީ، އެ ދުވަހާ ގުޅިގެން ޚާއްސަ ކުއިޒެއް ބާއްވަން މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ނިންމައިފިއެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ މި ކުއިޒް އޮންނާނީ މާދަމާ، ސޯޝަލް ސެންޓަރުގައި ކަމަށެވެ.
ކުއިޒްގައި ބައިވެރިވެ، މޮޅުވާ ފަރާތްތަކަށް ޚާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ. ނަމަވެސް އެއީ ކޮން އިނާމުތަކެއްކަން ހާމަކޮށްފައެއް ނުވެއެވެ.
މި ކުއިޒްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހިލޭ ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ބައިނަލްއަގުވާމީ ކޮމަންވެލްތު ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މާރިޗް މަހުގެ ދެވަނައަަށް އަންނަ ހޯމަ ދުވަހެކެވެ. އެގޮތުން މި އަހަރުގެ މިދުވަހަކީ މާދަމާ އެވެ.




