މާލޭ ރަށްވެހިންނަށް ފްލެޓު ދިނުމުގައި އަމަލު ކުރާނެ އައު އުސޫލެއް ސަރުކާރުން އެކަށައަޅާފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް ހައުސިންގް މިނިސްޓްރީން ދޮގު ކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެ މިނިސްޓްރީން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތް ކުރެވެމުންދާ 4000 ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު ވެރިފައި ކުރުމަށް ކުރެވުނު މަސައްކަތާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ދައްކާފައިވާ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދިނުމުގެ ގޮތުން ކަމުގައިބުނެ ނޫސްބަޔާނެއް ނެރެފައެވެ.
އެގޮތުން ހައުސިންގް މިނިސްޓްރީން ބުނެފައިވަނީ، މިދިޔަ މަހުގެ 27 ވަނަ ދުވަހު އިއުލާނުކުރި ފްލެޓު ލިބޭ މީހުންގެ ލިސްޓަކީ 15 ނޮވެމްބަރު 2023 ގައި ގެޒެޓުގައި ޝާއިއު ކުރެވުނު ލިސްޓުގައި ފްލެޓު ލިބޭ ފަރާތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކުގެ ފޯމުތަކާ ގުޅޭގޮތުން އޭސީސީން ކުރި ތަހުގީގަށްފަހު ދީފައިވާ ލަފަޔާއި ގުޅިގެން ފްލެޓު ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގައި ހުރި މައުލޫމާތަށް ބަލައި، ސައްހަކަން ކަށަވަރު ކުރުމަށްފަހު ނެރުނު ލިސްޓެއް ކަމަށެވެ.
އެ ލިސްޓުގައި ހިމެނެނީ 15 ނޮވެމްވަރު 2023 ގައި އިއުލާނު ކުރި ލިސްޓުގައި ބަޔާންކޮށްފައިވާ ފަދައިން 3 ކޮޓަރީގެ ފްލެޓަށް އެދި ފޯލު ލީ ފަރާތްތަކުގެ ތެރެއިން 76 ޕޮއިންޓު ލިބި ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާއި 75 ޕޮއިންޓު ލިބި ގުރުއަތަށް ދާނެ ކަމަށް އިއުލާނު ކޮށްފައިވާ ފަރާތްތަކާއި، އަދި 2 ކޮޓަރީ ފްލެޓަށް އެދި ފޯމުލީ ފަރާތްތަކުގެ ތެރެއިން 73 ޕޮއިންޓު ލިބި ފްލެޓު ލިބޭނެ ކަމަށް އިއުލާނު ކޮށްފައިވާ ފަރާތްތަށް ކަމަށެވެ.
އެ މަރުހަލާގައި އެނޫން އެއްވެސް ފޯމެއް ބަލައި ޗެކް ކޮށްފައި ނުވާނެ ކަމަށް ހައުސިންގް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
”ފްލެޓު ދިނުމުގައި އައު އުސޫލެއްވެސް އެކަށައަޅާފައެއް ނުވާނެ. މިކަމުގައި އަމަލުކޮށްފައިވަނީ ލިޔެ، ރަސްމީކޮށް އިއުލާނުކޮށް ޝާއިއުކޮށްފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށާއި ފޯމުތައް އިވޭލުއޭޓް ކުރުމަށް ކުރީ ސަރުކާރުން އެކަށައެޅި ގެދޮރުވެރިން ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެކަށައަޅާފައިވާ ގައިޑްލައިންގައި ބަޔާންކޮށްފައިވާ ގޮތަށް“ ހައުސިންގް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެއިތުރުން އެ މިނިސްޓްރީން ބުނެފައިވަނީ، އެ އުސޫލާއި ގައިޑްލައިނަށް އަމަލު ކުރުމުގައި ހުރިހާ ފަރާތަކަށް ވެސް ހަމަހަމަވާނެހެން ވީހާވެސް ބޮޑަށް ލުއިފަސޭހަ ކުރެވޭތޯ ބަލާފައިވާނެ ކަމަށެވެ.



