ސަލްޓަންޕާކުގައި ހުންނަ ތާރީޚީ އިމާރާތް، އުސްގެކޮޅު، އިންޓަރެކްޓިވް ދާރުލްއާސާރަކަށް ބަދަލުކުރުމަށް ބޭނުންވާ ކުރެހުންތައް ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ސަގާފަތާއި ތަރިކަ ދެމެހެއްޓުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި މީގެ ތެރޭގައި އުތީމު، ތަކަންދޫ އަދި ބާރަށުގައި ހުރި ތާރީޚީ ތަންތަން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ހިމެނޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރިކައިގެ މުހިންމު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢުގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ސަލްޓަންޕާކުގައި ހުންނަ އުސްގެކޮޅުގައި ދާރުލްއާސާރެއް ގާއިމުކުރުމެވެ. މި މަޝްރޫޢުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ. އުސްގެކޮޅު އާރާސްތުކުރެވޭނީ އޭގެ ތާރީޚީ އަގު ހިފެހެއްޓޭ ގޮތަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
”ރައީސުލްޖުމްހޫރިއްޔާގެ ތަރިކައިގެ މަޝްރޫޢުތަކުގެ ތެރެއިން ޚާއްޞަ އެއް މަޝްރޫޢަކީ އުސްގެކޮޅު އިންޓަރެކްޓިވް ދާރުލްއާސާރަކަށް ބަދަލުކުރުމެވެ. މި މަޝްރޫޢުގެ ޑިޒައިން މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ކުރިއަށް އޮތް މުއްދަތުގައި އަމަލީ މަސައްކަތް ފެށި، އަވަސް ދުވަސްކޮޅެއްގެ ތެރޭގައި ނަތީޖާ ފެންނާނެއެވެ،“ ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، އުސްގެކޮޅު ދާރުލްއާސާރަކަށް ބަދަލުކުރާއިރު، ސަލްޓަންޕާކުގެ ވަށައިގެންވާ ސަރަޙައްދުވެސް މި މަޝްރޫޢުގެ ތެރެއަށް ހިމެނިގެންދާނެކަން ހާމަކުރައްވާ ވަޒީރު ވިދާޅުވީ މީގެ ތެރޭގައި ކަޅުވަކަރު މިސްކިތާއި ކަޅުއޮށްފުންމީގެ ނަކަލު ބަހައްޓާފައިވާ ސަރަޙައްދުވެސް ހިމެނޭނެ ކަމަށެވެ.
އުސްގެކޮޅަކީ 1903 ވަނަ އަހަރު ރާއްޖޭގެ ސުލްޠާނުކަން ކުރެއްވި އަލްސުލްޠާން މުޙައްމަދު އިމާދުއްދީން ހަވަނަ، މިޞްރުން ކައިވެނިބައްލަވައިގެން ވަޑައިގެންނެވި އަނބިކަނބަލުންނަށް ޚާއްޞަކޮށް އިމާރާތްކުރެއްވި ތަނެކެވެ.




