މިހާތަނަށް އައިއިރު މާލެ ސަރަހައްދުގައި 48 ހާސް ގޭބީސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިރޭ އަދި މާދަމާރޭ ވެސް މިހާރެކޭ އެއްގޮތަށް 13 މަރުކަޒުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްދާނެ ކަމަށެވެ.
ނަމަވެސް، ގިނަ ފަރާތްތަކަށް ރޯދަ ހަދިޔާ ދޫކުރެވިފައިވުމާއެކު، މާރޗް 11 ވަނަ ދުވަހުން ފެށިގެން ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އާދަމް ޝަރީފް އުމަރު އިތުރަށް ވިދާޅުވީ، މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރަ ހުޅުވިފައި ހުންނަ ގަޑިތަކުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްދާނެ ކަމަށެވެ.
މީގެއިތުރުން، ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް 11 ވަނަ ދުވަހުން ފެށިގެން ބަދަލުވި ނަމަވެސް، ދޫކުރުން ކުރިޔަށްދާނީ މިހާރެކޭ އެއްގޮތަށް އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.




