ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައިގެ އަޑުއެހުންތައް އާންމު ނުކުރަން އެ ކޮމިޝަނުން މިއަދު ނިންމައިފިއެވެ.
ފަނޑިޔާރު އަޒްރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އިސްމާއިލް ލަތީފު ބަންދު ނުކުރުމަށް އަޒްމިރަލްދާ ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އަދި މި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ވަނީ ތާވަލުވެސް ކޮށްފައެވެ.
މި މައްސަލާ ގުޅޭގޮތުން ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް މިއަދު ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަޒްމިރަލްދާއާ ގުޅޭގޮތުން ޖޭއެސްސީން ތަހުގީގުކުރާ ސުލޫކީ މައްސަލައިގެ ހުރިހާ އަޑުއެހުުންތަކެއް އާއްމުކޮށް ހުޅުވާލައިގެން ބާއްވައިދިނުމަށް ފަނޑިޔާރުގެ ފަރާތުން ރޭގައި ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް އެ އަޑުއެހުންތައް އާންމު ނުކުރަން ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
ފަނޑިޔާރު އަޒްމިރަލްދާއާ ގުޅޭގޮތުން އިތުރު މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ”ހުތުރު ބަހުން“ ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އިންނެވި މައްސަލަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާއާ އެކު މި ދެ މައްސަލާގައި ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް ވެސް ތުހުމަތު ކުރެ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގު ކުރާއިރު، އެ މައްސަލައާ ގުޅިގެން ދެ ފަނޑިޔާރުން ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.



