ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢު ތަޢާރަފުކުރުމުގެ ހަރަކާތް ފުރަތަމަ ފަހަރަށް އަތޮޅު ތެރޭގައި ފަށައިފިއެވެ.
މި މަޝްރޫޢު ތަޢާރަފުކުރުމުގެ ހަރަކާތް މިއަދު ފަށާފައި ވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެތެރެއިންނެވެ.
އެގޮތުން މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ދިވެހިންގެ ދެމިތިބިމާ ގުޅޭ މުހިއްމު މަޢުލޫމާތުތަކެއް މި މަޝްރޫޢުގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށެވެ. މީގެ އިތުރުން މި މަޝްރޫޢު ވާނީ ދިވެހި ޤައުމިއްޔަތާ ގުޅުން ހުރި މުޙިއްމު މަޢުލޫމާތުތަކެއް ދިވެހީންނަށް ލިބޭނެ މަޝްރޫޢަކަށް ކަމަށް ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ތެރެއިން ހއ. އަތޮޅު ކައުންސިލްގެ ބޭފުޅުންނަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުންނަށް ނޭޝަނަލް އައިޑެންޓިޓީގެ ޢިލްމީ ކޮންސެޕްޓުތައް ތަޢާރަފުކޮށް ކިޔައިދިނުމުގެ ސެޝަނެއް ވަނީ ބާއްވާފައެވެ.
ދިވެހި ޤައުމިއްޔަތާ ގުޅުން ހުރި ޢިލްމުތައް ތަޢާރަފުކުރުމުގެ މަޝްރޫޢުގެ ދަށުން ނޭޝަނަލް އައިޑެންޓިޓީގެ ޢިލްމީ ކޮންސެޕްޓުތައް ފުރަތަމަ ކިޔައިދީފައި ވަނީ މާލޭގައި ހުންނަ ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނަށެވެ.



