އެހެން މަސްމަހާ ޚިލާފަށް ރޯދަ މަހަކީ، ރޯދަ ވީއްލަން ހެދިކާގެ ބާވަތްތައް ގިނަ ގޭގޭގައި ހަދާ މަހެކެވެ.
ހެދިކާގެ ތެރެއިން މިފަހަރު މި ކިޔައިދެނީ އިންޑިއާގައި ބޮޑަށް މަޝްހޫރުކަން ލިބިފައިވާ، ދިވެހީންގެ ތެރޭގައިވެސް މިހާރު ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ބާވަތެއް ކަމުގައިވާ އާލޫ ޗިކަން ސަމޯސާ ތައްޔާރު ކުރާނެ ގޮތެވެ. މިއީ ”ލޮނުމެދު“ ޕޭޖުން ނަގާފައިވާ ރެސިޕީއެކެވެ.
ބޭނުންވާނެ ތަކެތި:
މަސްގަނޑު ހެދުމަށް
° 335 ގްރާމް އަލުވި
° 200 ގްރާމް ބޯންލެސް ކުކުޅު
° 1.5 މޭޒުމަތީ ސަމުސާ ގިތެޔޮ
° 1 މޭޒުމަތީ ސަމުސާ ޖިންޖާ ގާލިކް ޕޭސްޓް
° 2 މެދު މިނުގެ ފިޔާ (ކުދިކޮށް ކޮށާފައި)
° 3 ތުނިކޮށް ކޮށާފައި ހުރި ތޮޅި މިރުސް
° 1 މޭޒުމަތީ ސަމުސާ ލޯޖެހި ދިވެހި އެއްގަމު މަސް ހަވާދު
° 1.5 ސައިސަމުސާ ރާޅު މިރުސް
° ¼ ސައިސަމުސާ ރީނދޫ
3/2° ސައިސަމުސާ ލޮނު
° 2 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ކޮތަނބިރި ފަތް
ފުށްގަނޑު ހެދުމަށް
° 325 ގްރާމް ފުށް
3/2° ސައިސަމުސާ ލޮނު
° ¼ ޖޯޑު ގިތެޔޮ
° ¾ ޖޯޑު ހިހޫ ފެން
ސަމޯސާ ތެލުލުމަށް
° 1.5 ޖޯޑު ތެޔޮ
ތައްޔާރުކުރާނެ ގޮތް:
1. އެންމެ ފުރަތަމަ 335 ގްރާމް އަލުވި ކުދިކޮށް ގޮޅިކޮށް ކޮށާލާށެވެ. ދެން، 12 ނުވަތަ 13 މިނެޓު ވަންދެން ނުވަތަ އަލުވިތައް ފަސޭހައިން ޗަސްކޮށްލެވޭވަރު ވަންދެން ފެނުކައްކާލާށެވެ. އަލުވިތައް މަޑުވުމުން ފެން ފުރާނާލުމަށް ފަހު އުލެއް ބޭނުންކޮށްގެން އަލުވިކޮޅު ޗަސްކޮށްލާށެވެ. އަދި ވަކިން ބަހައްޓާށެވެ.
2. ދެން 200 ގްރާމް ބޯންލެސް ކުކުޅު ވަރަށް ހިމަކޮށް ދިގުކޮށް ކޮށާލާށެވެ. ކުކުޅު ކޮށާލުމަށް ފަހު ދޮވެލާފައި ވަކިން ބަހައްޓާށެވެ.
3. ދެން، ތަވަޔަކަށް 1.5 މޭޒުމަތީ ސަމުސާ ގިތެޔޮ، 1 މޭޒުމަތީ ސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް، 2 މެދު މިނުގެ ފިޔާ (ކުދިކޮށް ކޮށާފައި)، އަދި 3 ތުނިކޮށް ކޮށާފައި ހުރި ތޮޅި މިރުސް އަޅާލާށެވެ. އަދި މެދު ގިނީގައި 3 މިނެޓު ވަންދެން ނުވަތަ ފިޔާކޮޅު މަޑުވަންދެން ހަލަމުން ކައްކާލާށެވެ.
4. އެއަށް ފަހު، ކުރިން ކޮށާލި ކުކުޅުކޮޅު ތަވަޔަށް އަޅާލުމަށް ފަހު 12 މިނެޓު ވަންދެން ނުވަތަ ކުކުޅު ރޯފިލާ ބޭރަށް ކުޑަކޮށް މުށި ކުލައެއް އަރަންދެން ހަލަމުން ކައްކާލާށެވެ. ދެން އެއަށް 1 މޭޒުމަތީ ސަމުސާ ލޯޖެހި ދިވެހި އެއްގަމު މަސް ހަވާދު، 1.5 ސައިސަމުސާ މުގުރި ރާޅު މިރުސް، ¼ ސައިސަމުސާ ރީނދޫ، އަދި 3/2 ސައިސަމުސާ ލޮނު އަޅާލާށެވެ. އަދި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.
5. ދެން، ކުރިން ޗަސްކޮށްލި އަލުވިކޮޅު އަޅާފައި ކުކުޅާއި އެއްކޮށްލަމުން އިތުރު 4 މިނެޓަށް ކައްކާލާށެވެ.
6. އުނދުން ނިވާލުމުގެ ކުރިން 2 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ކޮތަނބިރި ފަތް އަޅާލުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ.
7. އެއަށްފަހު، ސަމޯސާގެ ފުށްގަނޑު ތައްޔާރުކުރާށެވެ. މިކަމަށް 325 ގްރާމް ފުށް ފުރާނާލާފައި ބޮޑު ބޯތަށްޓަކަށް އަޅާލާށެވެ. ދެން އެއަށް 3/2 ސައިސަމުސާ ލޮނާއި ¼ ޖޯޑު ގިޔެތޮ އަޅާފައި އަތުން ފުށާއި އެއްކޮށްލާށެވެ. މިކަމަށް ގާތްގަނޑަކަށް އެއް މިނެޓު ނަގާނެއެވެ.
8. ދެން މަދުމަދުން ¾ ޖޯޑު ހިހޫ ފެން އަޅާލަމުން ފުށްގަނޑު އެއްކުރާށެވެ. އެއަށް ފަހު މަޑު ފުށްގަނޑެއް ހެދެންދެން މޮޑެލާށެވެ. ފުށްގަނޑު އަތުގައި ތަތްލަވާ ވަރަށް ތެތްވެގެން ނުވާނެއެވެ. ދެން، ފުށުން އެއްވަރުގެ 7 ގުޅަ ހަދާށެވެ.
9. ދެން، މިގެއިން އެއް ގުޅަ ނަގާފައި ރޮށިދަމާއެތި ބޭނުންކޮށްގެން ރޮށިދަމާހެން ވަށްކޮށް 7 ނުވަތަ 8 އިންޗި ބޮޑު މިނުގައި ހުންނަ ވަރަށް ދަމާލާށެވެ. މިރޮށި ހުންނަން ވާނީ އާންމުކޮށް ދަމާ ރޮއްޓަށް ވުރެ ކުޑަކޮށް ބޯކޮށެވެ. ދެން ވަޅިއަކުން ދަމާލި ފުށްގަނޑު ހަތަރު ފަޅިއަށް ކަފާލާށެވެ.
10. އެއަށް ފަހު، އޭގެއިން އެއް ފުށްކޮޅު، ވަށްކޮށް އޮތް ފަޅި ގަޔާއި ދިމާލަށް ވާނެ ގޮތަށް އަތްތިލަ މަތީގައި ބާއްވާލާށެވެ. ދެން، ކުރިން ތައްޔާރުކޮށްލި މަސްގަނޑުން 2 ސައިސަމުސާ ނަގާފައި ފުށްކޮޅުގެ މެދަށް ލާށެވެ. އަދި ވަށްކޮށް އިން އެއްފަޅީގައި ފެންފޮދެއް ލާފައި މަސްގަނޑުގެ މަތިން، ދެބައިކުޅައެއްބަޔަށް ވުރެ ކުޑަ ތަންކޮޅެއް ބޮޑަށް ފޮރުވޭ ވަރަށް ފަތްޖަހާލާށެވެ. އަދި ތިރީގެ ކަން ރަނގަޅަށް އޮއްބާލަމުން ބަންދުކޮށްލާށެވެ.
11. ދެން، އަނެއް ފަޅީގައިވެސް ފެންފޮދެއް އުނގުޅާލުމަށް ފަހު، މަސްގަނޑު އެތެރެއަށް ވާހެން ކުރިން ފަތްޖެހި ބައިގެ މަތިން ފަތްޖަހާ، ރަނގަޅަށް ބަންދުކޮށްލާށެވެ. މިހާރު ސަމޯސާ އިންނާނީ ކޯންއެއްގެ ބައްޓަމަށެވެ.
12. ދެން، މަތީގައިވާ ތިނެސްކަން ފަޅީގައި ކުޑަ ފެންފޮދެއް އުނގުޅާލުމަށް ފަހު މަތިނ ތިރިއަށް ފަތްޖަހާލާށެވެ. އަދި ހުރިހާ ފަޅިއަކުންވެސް ރަނގަޅަށް ތިނެސްކަން ބައްޓަމެއް ހުންނަހެން ބަންދުކޮށްލާށެވެ.
13. ބާކީ ހުރި ފުށްކޮޅާއި މަސްގަނޑުން ސަމޯސާ ހެދުމަށް ސްޓެޕް 9، 10، 11 އަދި 12 ތަކުރާރުކޮށްލާށެވެ. އަހަރުމެންނަށް ތައްޔާރުކުރެވުނީ 28 ސަމޯސާއެވެ.
14. ސަމޯސާތައް ތެލުލުމަށް ތެއްޔަކަށް 1.5 ޖޯޑު ތެޔޮ އަޅާލުމަށް ފަހު ގަދަގިނީގައި ހޫނުކޮށްލާށެވެ. ކުޑަ ފުށްކޮޅެއް ތެޔޮގަނޑަށް ލުމުން އޭގެ ވަށައިގެން ކުދި ބޮކި އަރާނަމަ، ތެޔޮގަނޑު އެހުރީ ބޭނުންވާ ވަރަށް ހޫނުވެފައެވެ.
15. ދެން، ފަހަރަކު 5 ނުވަތަ 6 ސަމޯސާ ތެއްޔަށްލުމަށް ފަހު 4 މިނެޓު ވަންދެން ނުވަތަ ބޭރުފުށަށް ރަން ކުލައެއް އަރަންދެން ތެލުލާށެވެ. އަދި ތެލުލާއިރު ސަމޯސާތައް ކުޑަކޮށް ފުށުން ޖަހަމުން ތެލުލާށެވެ. ސަމޯސާތައް ތެޔޮގަނޑަށް ލުމަށް ފަހު 1 މިނެޓު ވަންދެން މަޑުގިނީގައި ބަހައްޓާށެވެ. ދެން އެއަށް ފަހު ގިނި ކުޑަކޮށް ގަދަކޮށްލާށެވެ. އޭރުން ސަމޯސާގެ ބޭރާއި އެތެރެ އެއްވަރަކަށް ރޯފިލާނެއެވެ.
16. ސަމޯސާތައް ތެލުލާ ނިމުމުން ދަގަނޑު ފުރޭންޏެއް ނުވަތަ ޓިޝޫ އަޅާފައި ހުރި ތަށްޓެއްގައި އަތުރާލާށެވެ. އޭރުން ސަމޯސާތަކުގައި ހަރުލާފައި ހުރި ތެޔޮތައް ބޭރުވެ، އިތުރަށް މުރަނަ ވާނެއެވެ.




