އިޒްރޭލުގެ ޔަހޫދީން ބޭނުންވާ ކަންކަމަށް އެއްބަސް ނުވުމުން، ޣައްޒާއިން ކަރަންޓު ކަނޑާލުމަކީ ވަރަށް ވެސް ތާކުންތާކު ނުޖެހޭ އަދި ބަލައިނުގަނެވޭނެ ބްލެކްމެއިލެއް ކަމުގައި ހަމާސް ޖައާޢަތުން ބުނެފިއެވެ.
ޣައްޒާ ހިފުމަށާއި އެތަނުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން ޢަރަބި އެހެން ޤައުމުތަކަށް ފޮނުވާލުމަށް ޔަހޫދީ އިޒްރޭލު ސަރުކާރާއި އެމެރިކާގެ ޔަހޫދީ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަނީ މަޖުބޫރުކުރުވަމުންނެވެ. އަދި އެ ހުށަހެޅުމަށް ހަމާސްއާއި ޣައްޒާގެ ރައްޔިތުން އެއްބަސްވާން ދެކޮޅުހެދުމުގެ ސަބަބުން، ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުގައި އިޒްރޭލުން ވަނީ ޣައްޒާއިން ކަރަންޓު ކަނޑާލާފައެވެ.
އިޒްރޭލުގެ މި އަމަލު ކުށްވެރިކޮށް ހަމާސްއިން ބުނެފައިވަނީ އެފަދަ އަމަލުތައް ކުރުމުން އިޒްރޭލަކީ ނުހަނު ދަށު ދަރަޖައިގެ ސަރުކާރެއް އޮތް ޤައުމެއްކަން ސާބިތުވާ ކަމަށާއި އެފަދަ ކަންކަން ކުރުން ހުއްޓާލައި، ހަނގުރާމަ ހުއްޓާލަން އެއްބަސްވި އެއްބަސްވުމައިގެން ކުރިއަށް ގޮސް މަރުހަލާތައް ފުރިހަމަ ކުރުމަށެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މަރުހަލާތައް ކުރިއަށް ގެންދިޔުމާމެދު މަޝްވަރާ ކުރުމަށް އިޒްރޭލު ސަރުކާރުގެ ވަފުދެއް މިއަދު ޤަތަރުގެ ދޯހާއަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އެއްބަސްވުން ދެމެހެއްޓުމަށްޓަކައި މިސްރާއި ޤަތަރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެމެރިކާގެ ރައީސް ޓްރަމްޕްގެ ފަރާތުން ވާހަކަ ދެއްކި ވަފްދަކުން ބުނެފައިވަނީ، ހަމާސްއާއެކު ސީދާ މަޝްވަރާތަކެއް ކުރުމަށްފަހު، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލު ސިފައިން މިނިވަން ކުރުމާމެދު އެދެވޭ ނަތީޖާއެއް ނިކުމެދާނެ ކަމަށް ފެނިފައިވާ ކަމަށާއި އެހެންކަމުން ޣައްޒާގެ ރައްޔިތުންނަށް ވެސް ފައިދާވާނެ ގޮތްތައް ކުރިއަށް އޮތް ހަފްތާތަކުގައި ފެންނާނެ ކަމަށް ބެލެވޭ ކަމަށެވެ.


