ކަރަންޓުގެ ހިދުމަތް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި ތެޔޮ ރައްކާކުރާ ޓޭންކުތަކެއް ހުޅުމާލޭގައި ބެހެއްޓުމަށް ސްޓެލްކޯގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ޤާއިމްކުރާ ޓޭންކުތަކުގެ ސަބަބުން ކަރަންޓުގެ ޑިމާންޑް އެންމެ ބޮޑުވާ ވަގުތުތަކުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތެޔޮ ރައްކާކުރާ ޓޭންކުތަކެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ރިޓަޔަރޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީއެވެ.
މިދުވަސްވަރަކީ އާންމުކޮށް ހޫނުގަދަ ދުވަސްވަރެއް ކަމަށްވާތީ، ކަރަންޓު ބޭނުންކުރާ މިންވަރު ދުވަހުން ދުވަހަަކަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިވަގުތު މާލޭ ސަރަޙައްދުގައި ޕީކް ގަޑީގައި ބޭނުންކުރާ ކަރަންޓު 98 މެގަވޮޓްއަށް އަރާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މި އަދަދު މިއަށްވުރެ އިތުރުވާނެކަމަށް ސްޓެލްކޯއިން ވަނީ ލަފާކޮށްފައެވެ.
އެގޮތުން މި ހޫނު މޫސުމުގައި ކަރަންޓު ބޭނުންކުރާ ކެޕޭސިޓީ 120 މެގަވޮޓްއަށް އިތުރުވެގެންދާނެ ކަމަށް ސްޓެލްކޯއިން އަންދާޒާ ކޮށްފައިވެއެވެ.
ނަމަވެސް އަލަށް ބޭނުންކުރާ 17 މެގަވޮޓްގެ ވަގުތީ އިންޖީނުގެއާއެކު، އިތުވާ ކޭޕޭސިޓީއަށް ދަތިކަމެއް ނެތި ޚިދުމަތް ދެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.


