މާލޭގައި ގޭސްފުޅިއެއް ވަގަށް ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ގއ. ކޮލަމާފުށި، ވެށި، އަހްމަދު ޝިފާޒު (36 އަހަރު) އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ޝިފާޒު ވަނީ މާލޭގެ މަގެއްގެ ޕޭވްމަންޓްމަތީގައި ބަހައްޓާފައި ހުރި ގޭސްފުޅިއެއް ވަގަށް ނަގައިގެން ގެންގޮސްފައެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ 11:30 ހާއިރުކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ބަޔާންކޮށްފައިވާ ގޮތުގައި، ޝިފާޒަކީ މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. މި މައްސަލައިގައި ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.



