މޯލްޑިވްސް މަނިޓަރީ އޮތޯރަޓީ (އެމްއެމްއޭ)އަށް ބިމެއް ގަތުމުގެ ނަމުގައި 15 ބިލިއަން ރުފިޔާ ޗާޕުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކޮށްފިއެވެ. އަދި މިއީ މިވަގުތު މަރުކަޒީ ބޭންކުން ކޮށްގެންވާނެ ކަމެއް ނޫން ކަމުވައިވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
އެމްޑީޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އާމީރް ވިދާޅުވީ 15 ބިލިއަން ރުފިޔާ ޗާޕު ކުރަން އެމްއެމްއޭގެ ބޯޑުން ނިންމައި ސޮއިކޮށްފައިވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެގޮތުން އަމީރު ވިދާޅުވީ މިވަގުތު އެމްއެމްއޭ ހިންގަން ޖެހިފައި އޮތީ ފައިސާގެ ސަޕްލައި މަޑުމަޑުން ދަށްކުރަމުންދާ ގޮތަށް ”ކޮންޓްރެކްޝަނަރީ މަނިޓަރީ ޕޮލިސީ“ އެއްގެ ދަށުން ކަމަށްވާއިރު، ސަރުކާރުން ހިންގަން އުޅޭ 15 ބިލިއަންގެ މުއާމަލާތާ އެކު އެ ސިޔާސަތު ހިނގާނީ އޭގެ އިދިކޮޅަށް ކަމަށެވެ.
”މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ނުބައްދަލު އަދި މިވަގުތު މަރުކަޒީ ބޭންކުން ކޮށްގެން ނުވާނެ ކަމެއްގެ ގޮތުގައި. މީގެ ސަބަބުން ތަކެތީގެ އަގު ވަރަށް ބޮޑަށް ބޮޑުވެގެން ދާނެ. އޭގެ އިތުރުން، ދިވެހި ރުފިޔާގެ އަދަދު ދަށްވެ، ޑޮލަރުގެ އަގު މައްޗަށް ދާނެ“ ކުރީގެ ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
އަމީރު ތުހުމަތުކުރެއްވި ގޮތުގައި، މި ފައިސާ ސަރުކާރުން ބޭނުންކުރަން އުޅެނީ އެމްއެމްއޭއަށް 22 ހެކްޓަރުގެ ބިމެއް ގަތުމުގެ ނަމުގަ އެވެ.



