ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ބަޖެޓް ސަޕޯޓަށް ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނު މި ސަރުކާރުން މިމަހު ދައްކައިފިއެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި 2022 ވަނަ އަހަރު ކާގިލް ފައިނޭންސުން 100 މިލިއަން ޑޮލަރު ނެގީ އޭރު ބަޖެޓު ވަރަށް ބޮޑަށް ތާށިވެ، މެނޭޖުކުރަން ދަތިވުމުންނެވެ.
ދިވެހި ދައުލަތަށް ނަގާފައިވާ ލޯނުތައް އަދާކުރުމުގެ ޒިންމާ ކޮންމެ މަހަކުވެސް ބަރާބަރަށް އަދާކުރާކަމަށް ވިދާޅުވެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެ ޒިންމާ މި މަހުވެސް އަދާކޮށްފައިވާނެ ކަމަށެވެ.
”މި މަހު ވެސް އެ ޒިންމާ އަދާކޮށްފައި ވާނީ. މިހާތަނަށް އެއްވެސް ޑޭޓެއް ޑިފޯލްޓް ވެފައެއް ނެތް“ އޮފިޝަލް ވިދާޅުވި އެވެ.
ކާގިލް ފައިނޭންސްގެ ލޯނު ކުރީގެ ސަރުކާރުން ނަގާފައިވަނީ، 7.15 އިންޓަރެސްޓު ރޭޓުގައި ތިން އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަން އެނގިފައިވެ އެވެ. އެ ރޭޓުން ބަލާނަމަ، އެ ލޯނު އަނބުރާ ދައްކާފައިވަނީ 26 މިލިއަން ޑޮލަރުގެ އިންޓަރެސްޓާ އެކު އެވެ.




