މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގައި މަސައްކަތް ކުރައްވަމުން ގެންދެވި ޝިޔާމް އިބްރާހިމް މަޤާމުން ވަކިކުރައްވައިފިއެވެ.
މި މަޢުލޫމާތު ހާމަކުރެއްވީ ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.
އެ ބޯޑުން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ގއ. ދެއްވަދޫ، އޯޝަންރީޑް އަލްފާޟިލް ޝިޔާމް އިބްރާހިމް އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން މިއަދު ވަކިކުރެވިފައިވާ ކަމަށެވެ.
މީގެ ކުރިން، އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަލްފާޟިލް މުޙައްމަދު ވަޖީހު އިބްރާހީމް ވެސް ވަނީ އެ މަޤާމުން ދުރުކުރައްވާފައެވެ. އޭނާގެ ބަދަލުގައި އެ މަޤާމަށް ހ. ހަބަރުގެ، އަލްފާޟިލް މުޙައްމަދު ރިޝްވާނު ވަނީ ހަމަޖައްސަވާފައެވެ.



