ބަންދު އަމުރަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކޮށްފިއެވެ.
އަޒްމިރަލްދާ ޖޭއެސްސީއަަށް ހާޒިރު ކޮށްފައިމިވަނީ، އޭނާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއިލް ލަތީފު ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައެވެ.
މި މައްސަލައާ ގުޅިގެން ތަހުގީގަށް އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރު ކުރީ މިއަދު ހެނދުނު 10 ޖެހިއިރުއެވެ. އަޒްމިރަލްދާ ޖޭއެސްސީއަށް ވަޑައިގެންނެވީ އޭނާގެ ވަކީލު އިބްރާހިމް ޝާމިލްއާ އެކުގައެވެ.
ފަނޑިޔާރު އަޒްމިރަލްދާއާ ގުޅޭގޮތުން ބާއްވާ ހުރިހާ އަޑުއެހުމެއް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް އޭނާގެ ފަރާތުން ކުރި އެދިލެއްވިނަމަވެސް، އެކަން އެގޮތަށްވާން ނެތް ކަމަށް މިމަހުގެ 9 ވަނަ ދުވަހު ޖޭއެސްސީން ވަނީ އަޒްމިރަލްދާގެ ވަކީލަށް އަންގާފައެވެ.
ފަނޑިޔާރު އަޒްމިރަލްދާއާ ގުޅޭގޮތުން އިތުރު މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ”ހުތުރު ބަހުން“ ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އިންނެވި މައްސަލަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާއާ އެކު މި ދެ މައްސަލާގައި ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް ވެސް ތުހުމަތު ކުރެ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގު ކުރާއިރު، އެ މައްސަލައާ ގުޅިގެން ދެ ފަނޑިޔާރުން ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. އެ ދެބޭފުޅުންނާއެކު ފަނޑިޔާރު ހުސްނުއްސުޢޫދް ވެސް ސަސްޕެންޑު ކުރިއެވެ. ނަމަވެސް ފަހުން އޭނާވަނީ އަމިއްލަފުޅަަށް އިސްތިއުފާ ދެއްވާފައެވެ.


