ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ފައިސާ ޗާޕުކުރުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާޙް ވިދާޅުވީ، މިސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ފައިސާ ޗާޕުކުރުން ނުހިމެނޭ ކަމަށެވެ. އަދި ކުރީގެ އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕުކުރުމުގެ ސަބަބުން ޤައުމަށް ލިބުނު ގެއްލުންތައް ފެންނަން ހުރިކަން ފާހަގަކުރައްވާ ފަލާޙް ވިދާޅުވީ މިހާރުގެ ސަރުކާރަކީ ބަހާއި ޢަމަލު އެއްގޮތް ސަރުކާރެއް ކަމަށެވެ.
ފަލާޙްގެ މިހެން ވިދާޅުވެފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުމާލެއިން ބިމެއް ގަތުމަށް 14 ބިލިއަން ރުފިޔާ ޗާޕުކުރަން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނިކޮށެވެ. ނަމަވެސް، މި މައްސަލައާ ގުޅޭގޮތުން ސަރުކާރުން އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ފަލާޙް އިތުރަށް ވިދާޅުވީ، ސިޔާސީ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި ރައްޔިތުންނަށް އޮޅޭ ގޮތަށް ދޮގު މަޢުލޫމާތު ފެތުރުމުން ދުރުހެލިވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައ އެމަނިކުފާނުގެ ސަރުކާރު ވެރިކަމާ ހަވާލުވުމާއެކު ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާ ކަމަށެވެ. މީގެ އިތުރުން، ވޭތުވެދިޔަ އަހަރުގެ ޖޫން މަހު ރައީސް ވިދާޅުވެފައި ވަނީ، ފައިސާ ޗާޕުނުކޮށް 13 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރެވިފައިވާ ކަމަށެވެ.
ފައިސާ ޗާޕުނުކުރުމަކީ އެމަނިކުފާނުގެ އެންމެ މުހިންމު އެއް ވަޢުދުކަން ފާހަގަކުރައްވާ ރައީސް އިތުރަށް ވިދާޅުވީ އެއީ ގޮންޖެހުންތަކެއް ހުރި ނިންމުމެއް ނަމަވެސް، އޭގެ ނަތީޖާ ރަނގަޅުވެފައިވާ ކަމަށެވެ. އަދި މި ނިންމުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން، ޚާއްޞަކޮށް އައިއެމްއެފްއިން ތަޢުރީފު ލިބިފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.



