އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު ކެނޑޭ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން 1000 ކިލޯވޮޓްގެ އައު ޖެނެރޭޓަރެއް މާލެއިން އައްޑޫސިޓީއަަށް ރޭ ފުރުވާލައިފިއެވެ.
ފެނަކައިން މިއަދު ކުރި އިއުލާނެއްގައި ބުނީ އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން 1000 ކިލޯވޮޓްގެ އައު އިންޖީނެއް، އައްޑޫއަށް ފޮނުވުމަށް ރޭގައި އުޅަނދަކަށް ލޯޑުކޮށް ފުރުވާލާފައިވާ ކަމަށެވެ.
އެ އުޅަނދު މި މަހުގެ 13 ވަނަ ދުވަހުގެ ވަގުތެއްގައި އައްޑޫއަށް ބަނދަރު ކުރުމަށް ތާވަލު ކުރެވިފައިވާ ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީގެ ރަށްތަކަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖަނަރޭޓަރުތަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އައްޑޫގެ އެކި ސަރަހައްދުތަކުން ދަނީ ކަރަންޓު ކަނޑަމުންނެވެ. މިކަން ހައްލުކޮށްދިނުމުގެ ގޮތުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ސަރުކާރާއި ފެނަކަ ގުޅިގެން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
ފެނަކަ އިން ކުރިން ބުނި ގޮތުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ ޖަނަރޭޓަރުތަކަށް މައްސަލަ ދިމާވީ އައްޑޫގެ ސެންޓްރަލް ޕަވަރ ސްޓޭޝަނުގައި ބޭނުން ކުރަމުންދާ ޖަނަރޭޓަރުތައް ޤަވާއިދުން މަރާމާތު ނުކުރުމުގެ ސަބަބުންނެވެ.
މި މައްސަލައަށް ހައްލެއް ގެނެސް ދިނުމަށް ފެނަކައިން ވަނީ މިދިޔަ މަހުގައި ވެސް 1.8 މެގަވޮޓްގެ ޖެނެރޭޓަރެއް އައްޑޫސިޓީއަށް ގެންގޮސްފައެވެ. ނަމަވެސް އިތުރު ޖަނަރޭޓަރުތަކުގައި މައްސަލަ ޖެހި ކަރަންޓު ލޯޑު ނުހިފެހެއްޓުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ.
މިއަދު ފެނަކައިން ކުރި އިއުލާނެއްގައި ބުނީ އިންޑިއާއިން ގެންނަ 1800 ކިލޯވޮޓްގެ އިންޖީނާއެކު ފުރި އުޅަނދުވެސް ދަނީ ތާވަލާ އެއްގޮތަށް ދަތުރު ކުރަމުން ކަމަށެވެ.



