މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ ފަހުދިހައެއްގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ކަމަށް ރައީސް އޮފީހުން މިއަދު އިޢުލާނުކޮށްފިއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިގޮތަށް ހަމަޖައްސައިފައި ވަނީ 1445ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސް އޮފީހުން 4 ފެބުރުވަރީ 2024 ގައި ނެރުއްވި ދެންނެވުމެއްގައި ހަމަޖައްސަވައިފައިވާތީވެއެވެ.
މިގޮތަށް ހަމަޖެއްސެވި ސަބަބުތަކުގެ ތެރޭގައި، އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މީގެއިތުރުން، ރަމަޟާންމަހުގެ ފަހުދިހައިގެ ބަންދު ދުވަސްތަކުގައިވެސް، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް އަންގާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.



