އަވަސް ރައިޑްގެ ޓެކްސީ ޑްރައިވަރެއްގެ ފަރާތުން އަންހެނަކަށް އަނެއްކާވެސް ބިރުވެރިކަމާ ކުރިމަތިލާން ޖެހުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި ހާދިސާ ދިމާވި އަންހެން މީހާ ”ސައުވީސް“ އަށް އެވާހަކަ ކިޔައިދެމުން ބުނީ، މިކަން ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
އޭނާ ބުނީ އާންމުކޮށް ކޮންމެ ރެއަކުހެން އޭނާ އަވަސް ރައިޑުން ދަތުރެއް ނެގީ 2:30 ގައި ޑިއުޓީ ނިންމާފައި ގެއަށް ދިޔުމަށް ކަމަށެވެ.
މާލޭގެ ޗިކިންގްއާ ހިސާބުން ފެށިގެން، މޫކައި ސޫޓްސްއާ ހަމައަށް ދަތުރު ކުރުމަށް އޭނާ ދަތުރުނެގީ އަވަސް ރައިޑްގެ އެޕް މެދުވެރިކޮށް ކަމުގައާއި އޭގައި ދަތުރެއްގެ އަގު ޖަހާފައި އިންނަނީ 30 ރުފިޔާއަށް ކަމުގައި ބުންޏެވެ.
”ގެއާ ކައިރިވީމަ ދަތުރަށް ލާރި ދޭން ވެގެން ކޭޝްކޮށް އެމީހާއަށް 30 ރުފިޔާ ދިނިން. ދިނީމަ އޭނަ ބުނީ ދަންވަރު އިންނާނީ 40 ރުފިޔާ ކަމަށް. އަހަރެން ބުނިން އެކަމަކު އެޕްގަ އިނީ 30 ރުފިޔާ ކަމަށޭ އެހެންވީމަ އެވަރު ނޫންހޭ ނަގަންވާނީ“ އަންހެން މީހާ ކިޔައިދިނެވެ.
އޭނާ ބުނީ އެހެން ބުނުމަށްފަހު ކާރުން ފައިބަން ވެގެން ދޮރު ހުޅުވާލާފައި ފައިބޭރަށްލީތަނުން ޑްރައިވަރު ވަރަށް ބާރަށް އަނެއްކާވެސް ކާރު ދުއްވަން ފެށީކަމަށެވެ. ކާރު ހުއްޓަން ބުނެ ބިރުން ހަޅޭލެވުމުން ތިމަންނާއަކީ ވަރަށް ގޯސް މީހެކޭ ވަރަށް ކަންކަން ކުރެވޭނެ މީހެކޭ ބުނެ އިތުރަށް އޭނާ ބިރުދައްކަން ފެށިކަމަށް އަންހެން މީހާ ކިޔައިދިނެވެ.
ނަސީބު ދިމާކުރި ގޮތުން ގެއާ މާދުރު ނޫން ހިސާބެއްގެ ކަންމައްޗަށް ދެ ސައިކަލު މަޑުކުރަން އައުމުން އަންހެންމީހާ އަވަހަށް ކާރު ދޮރު ހުޅުވާފައި ނިކުތީ ކަމުގައި އޭނާ ބުންޏެވެ. އެވަގުތު އެތަނުގައި އެހެން ސައިކަލެއްގައި އިން އަންހެނަކު، ކިހިނެއްވީތޯ ސުވާލު ކުރި ކަމަށާއި އެހެންނަމަވެސް ބިރުން ތުރުތުރުއަޅައަޅާ ހުރުމުން ޖަވާބު ދޭން މަޑުނުކޮށް އަވަހަށް ދުވެފައި ގެއަށް ދިޔައީ ކަމުގައި އަންހެން މީހާ ކިޔައިދިނެވެ.
މީގެއިތުރުން އޭނާ ބުނީ މިމައްސަލަ އަވަސް ރައިޑްގެ އޮފީހަށް ހުށަހަޅާފައިވާނެ ކަމަށާއި މިކަން މަޝްވަރާ ކުރަނީ ކަމުގައި ބުނި ކަމަށެވެ. މައްސަލަ ފުލުހުންނަށް އަދި ހުށަނާޅާ ކަމުގައިވެސް އަންހެންމީހާ ބުންޏެވެ.
އަންހެން މީހާ ބުނީ، ގެއަށް ގެނެސްދޭން ދަތުރު ކުރިއިރު ޑްރައިވަރު އިނީ ފޯނާ ކުޅެން ކަމަށާއި ދުއްވީވެސް އެކި ގޮތްގޮތަށް ކަމަށެވެ. އަދި މި ހާދިސާ އޭނާގެ ރަށްޓެއްސަކާ ހިއްސާ ކުރުމުން، އޭނާއާވެސް ކުރިން މި ޑްރައިވަރު ޖެހުނު ކަމަށާއި އެރޭވެސް ދުއްވާފައި ދިޔައީ ވަރަށް ދުރުދުރުން ކަމުގައި އެކުވެރިޔާ ބުނިކަމަށް އަންހެންމީހާ ބުންޏެވެ.
އެ އަންހެންމީހާ ވަނޛ މި ހާދިސާގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. އޭގެން ހާމަވާ ގޮތުގައި އޭނާއަށް ދަތުރު ނަގާދީފައިވަނީ އިސްމާއިލް ހައުޒަން ކިޔާ މީހެކެވެ.
އަވަސް ރައިޑްގެ ޓެކްސީ ޑްރައިވަރަކު މިފަދައިން ރޭގައި އަމަލުކޮށްފައިވާއިރު، އެތަނުގެ ޑްރައިވަރަކު ހުޅުމާލެއިން އަންހެނަކަށް ނަގައިދިން ދަތުރެއްގައި، އެމީހާ އެހެންތަނަކަށް ގެންދަން އުޅުނު މައްސަލައެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. އެ ހާދިސާގައި އަންހެންމީހާ ވަނީ އެ ކާރު ދުއްވަ ދުއްވާ ހުއްޓާ ކާރުގެ ދޮރު ހުޚުވައިގެން ބޭރަށް ފުންމާލާފައެވެ.


