އެއްވެ އުޅުމުގެ ގާނޫނާ ހިލާފުވުމުން ކަމަށް ބުނެ އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އާއި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ޕޮލިހަށް ހާޒިރު ކުރަން ޗިޓު ހަވާލުކޮށްފިއެވެ.
މޫކޭއާއި ރާއީ އަކީ ފްލެޓް ލިސްޓާ ގުޅިގެން އެމްޑީޕީން ހިތްހަމަނުޖެހުން ފާޅުކޮށް ކޮންމެ ރެޔަކު މިހާރު ކުރިއަށްގެންދާ މުޒާހަރާތަކުގައި ލައުޑް ސްޕީކަރު ހިފައިގެން މުޒާހަރާ ލީޑު ކުރުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ ދެ ބޭފުޅުންނެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުރި މުޒާހަރާގެ މައްސަލާގައި މާދަމާ މެންދުރު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އަންގައި އެ ދެ ބޭފުޅުންނަށް މިހާރު ވަނީ ޗިޓު ފޮނުވާފައެވެ.
އެ ޗިޓުގައި ފުލުހުން ބުނީ ރާއީ އާއި މޫކޭ ފުލުހަށް ހާޒިރުކުރަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފުވުމުގެ ސަބަބުން ކަމަށެވެ.
މިގޮތުން އެއްވެ އުޅުމުގެ ގާނޫނާ ހިލާފުވެ މަގުތަކަށް އެއްވެ، އަޑުގަދަކޮށް، މުޒާހަރާ ކުރުމުގެ ސަބަބުން އާންމު ދަތުރުފަތުރާއި ވިޔަފާރިތަކަށް ހުރަސް އެޅި ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް އެ ދެ ބޭފުޅުންގެ މައްޗަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.



