ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ކުރިމަތިވަމުންދާ ވިއްސާރައިގެ ސަބަބުން، އުކާލާ ކުނި މަގުމައްޗަށް ނުވަތަ އާންމު ސަރަހައްދުތަކަށް ނުނެރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު އަލުން އިލްތިމާސްކޮށްފިއެވެ.
ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހަފްތާއަކީ މޫސުން ގޯސް ވިއްސާރަ ހަފްތާއެއްކަމުގައި ވީނަމަވެސް، އެ ކުންފުނީގެ މުވައްޒަފުން ދަނީ ރައްޔިތުންނަށް މެދުނުކެނޑި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އަވަދިނެތި މަސައްކަތް ކުރަމުންދާކަމަށެވެ.
އެހެންނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް ގެއަކުން ކުނި ނުނެގި ހުރެއްޖެނަމަ، މުޖްތަމައުގެ ޢާންމު ސިއްހީ ރައްކާތެރިކަމަށްޓަކައި އުކާލާ ކުނި މަގުމައްޗަށް ނުވަތަ އާންމު ސަރަހައްދުތަކަށް ނުނެރުމަށް އިހްތިރާމާއެކު އެދޭ ކަމަށެވެ.
ވެމްކޯއިން އިތުރަށް ބުނެފައި ވަނީ، ހިދުމަތް ހޯދާ ފަރާތްތަކުން ކުނި ނުނެގި ހުރި ގެއެއް ފާހަގަކުރެވިއްޖެނަމަ، ނުވަތަ ހިދުމަތް ނުލިބޭނަމަ، ވެމްކޯގެ ހޮޓްލައިން ނަންބަރު 1666 އަށް ގުޅާލައްވާ އެމައުލޫމާތު ހުށަހެޅުމަށް ދަންނަވާ ކަމަށެވެ.
”މިދުވަސްތަކުގައި، ތިޔަ އެންމެހައި ލޮބުވެތި ރައްޔިތުން ދެއްވާ އެއްބާރުލެއްވުމާއި ކެތްތެރިކަމަށްޓަކައި އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ،“ ވެމްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.



