ރާއްޖޭގެ 110,000 އަށްވުރެ ގިނަ ގޭބިސީއަށް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ފޯރުކޮށްދެވިފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު ހާމަކުރައްވައިފިއެވެ.
މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، އިއްޔެގެ ނިޔަލަށް މާލޭގެ 49,416 ގޭބިސީއަށާއި އަތޮޅުތެރޭގެ 60,711 ގޭބިސީއަށް ރޯދަ ހަދިޔާ ރައްދުކުރެވިފައިވެއެވެ. މިއީ ޖުމްލަ 110,127 ގޭބިސީއެވެ.
ރަމަޟާން މަހާ ގުޅިގެން ސަރުކާރުން ފޯރުކޮށްދޭ މި ހަދިޔާގައި ހިމެނެނީ 180 ގްރާމުގެ 48 މަސްދަޅު އެކުލެވޭ ކޭހެކެވެ.
މާލެ ސަރަޙައްދުގައި މި ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދަނީ ލޯކަލް ގަވަރމަންޓް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އަދި އަތޮޅުތެރޭގައި މި މަސައްކަތް ހިންގަނީ ރަށު ކައުންސިލްތަކުގެ އިސްނެގުމުގެ ދަށުންނެވެ.



