ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދުކޮށް، ދެ ފަނޑިޔާރެއް މަގާމުން ވަކި ކުރަން ލާޒިމްވާ ގޮތަށް ރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ތަސްދީޤު ނުކުރައްވާ އަލުން ވިސްނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން މިރޭ މައުލޫމާތު ދެއްވި ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 5 ވަނަ އިސްލާޙް ގެނައުމުގެ ބިލު، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.
މި އަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި ފާސްކުރެވުނު މި ބިލް ފާސްވެފައި ވަނީ މަޖިލީހުގެ 68 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް 9 މެންބަރުން ވަނީ ބިލް ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ބަދަލުވަމުން އައި ގޮތަށް ބަލާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކޮށްފައިވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަލުން އެ އަދަދު ވަނީ ހަތަކަށް އިތުރުކުރެވިފައެވެ.




