މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާތީ، ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރުވަމުން އެބަދެއެވެ.
އެގޮތުން ދުރާލާ މިކަމަށް ތައްޔާރުވުމުގެ ގޮތުން މިއަދު މެންދުރުން ފެށިގެން ސިފައިން ތިބީ ފެން ހިންދުމަށް ތައްޔާރުވެގެން ކަމަށާއި އެގޮތުން މާލޭގައި އާންމުކޮށް ފެންބޮޑުވާ ތިން ސަރަހައްދެއްގައި ހަ ޕަމްޕު ބަހައްޓައިގެން، ފެންހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެގޮތުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދަނީ މާލޭ ވެސްޓު ޕާކު ސަރަހައްދާއި، އައިޖީއެމްއެޗް ސަރަހައްދުގެ އިތުރުން މާފަންނު ޓާމިނަލް ސަރަހައްދުގައެވެ.
މީގެއިތުރުން އާންމުން ދިރިއުޅޭ ގެތަކަށާއި އެހެނިހެން އިމާރާތްތަކަށް ފެންވަދެ ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކޮށްދިނުމަށްޓަކައި ވެލިބަސްތާ ޖެހުމުގައި ވެސް ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.



