ކައުންސިލްތަކުގެ އިޚްތިޞާޞްގައި ހިމެނޭ ރަށްތަކާއި ފަޅުތައް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމުގެ އިޚްތިޔާރު ޤާނޫނީ ގޮތުން ކައުންސިލްތަކަށް ލިބިފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިފަދައިން ވިދާޅުވީ ސަރުކާރުން ހުށަހަޅުއްވާފައިވާ ރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް މަޖިލީހުގައި ބަހުސްކުރައްވަމުންނެވެ. ނާޒިމް ވިދާޅުވި ގޮތުގައި މި އިޞްލާޙުތަކަކީ ކޮންމެހެން ބޭނުންތެރި އިޞްލާޙުތަކެކެވެ. އަދި މީގެ ސަބަބުން ގިނަ މައްސަލަތަކެއް ހައްލުވެގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ބުނެފައިވާ ގޮތުގައި މި އިޞްލާޙަކީ ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކެއް ރައީސްއަށް ދޭ އިޞްލާޙެކެވެ. އަދި ކައުންސިލްތަކުގެ އިޚްތިޞާޞްގައިވާ ރަށްތަކާއި ފަޅުތައް ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރެވޭނީ ކައުންސިލްތަކަށް ކަމަށް އެ ފަރާތްތަކުން ދެކޭ ކަމަށް ބުނެފައިވެއެވެ.
މި ވާހަކަތަކަށް ރައްދުދެއްވައި ނާޒިމް ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުންގެ މައްސަލަތައް ހައްލުކޮށްދޭން އައި ސަރުކާރެއް ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުންވެސް ކައުންސިލްތަކުގެ އިޚްތިޞާޞްގައިވާ ރަށްތަކާއި ފަޅުތައް ފަތުރުވެރިކަމަށް ދޫކޮށްފައިވާކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ މިފަދަ ތަންތަން ފަތުރުވެރިކަމަށް ކުއްޔަށް ދިނުމުގެ ބާރު ލޯކަލް ކައުންސިލް ޤާނޫނުތަކުން ކައުންސިލްތަކަށް ލިބިދީފައިނުވާ ކަމަށް ބަންޑާރަ ނައިބު ލަފާދެއްވާފައިވާ ކަމަށެވެ.
މި ސަބަބާހުރެ، އެފަދަ ގޮތަކަށް ކުއްޔަށް ދީފައިވާ ރަށްތަކުގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި، ޓޫރިޒަމާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުތަކުގެ ސަބަބުން މި މައްސަލައަށް ހައްލު ލިބި، ރަށްތައް ތަރައްޤީކުރުމުގައި ހުރި ހުރަސްތައް ނައްތާލެވޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، މި އިޞްލާޙަކީ ރަށްރަށުގެ ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދަށުގައި ހުރި ރަށްތަކާއި ފަޅުތައް ތަރައްޤީކޮށްދޭނެ އިޞްލާޙެއް ކަމަށާއި މި އިޞްލާޙު ނުގެނެސްފިނަމަ، ކައުންސިލްތަކުން އެޑްވާންސްގެ ގޮތުގައި ނަގާފައިވާ ފައިސާތައް ސަރުކާރުން ދައްކަންޖެހި، އެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.



