މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަދި މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރު އަހްމަދު ނަރީޝް އެ ދެ މަޤާމުންވެސް އިސްތިއުފާދީފިއެވެ.
މިކަންހާމަކޮށް މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމްއަށް ފޮނުއްވި ސިޓީގައި ނަރީޝް ވަނީ ޑެޕިއުޓީ މޭޔަރު ކަމުގެ މަޤާމާމެދު ބޮޑު ވާދަވެރިކަމެއް އުފެދިފައިވަނިކޮށް އޭނާއަށް އިތުބާރުކޮށް އެ މަޤާމަށް އިންތިޚާބުކޮށްދެއްވީތީ ކައުންސިލްގެ ހުރިހާ މެންބަރުންނަށް ޝުކުރުއަދާކުރައްވާފައެވެ.އަދި ސިޓީ ކައުންސިލްގައި ހޭދަކުރެއްވި މުއްދަތަކީ ވަޒީފާއާއި މަސައްކަތުގެ ދާއިރާގައި ހޭދަކުރެއްވި އެންމެ އުފާވެރި ދުވަސްތައް ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.
”އަދި މިއީ އެކި ދާއިރާތަކުން ތަފާތު ތަޖުރިބާތައް ކުރެވި އަޅުގަނޑުގެ ޝަހުސިއްޔަތު ބައްޓަން ކުރުމުގައި ލިބުނު ރަނުގެ ފުރުސަތެއް ކަމުގައި ދެކެން“ ނަރީޝްގެ ސިޓީގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި މާލެ ސިޓީގެ ކުރީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސިފަވަނީ ބޭނުންވާ ނަތީޖާތައް ހަލުވިކަމާއެކު ނެރެދެއްވުމަށްޓަކައި، ސިޔާސީ ފިކުރު ތަފާތު މީހުންނާއެކު ވެސް ގުޅިގެން މަސައްކަތްކުރުމުގެ ކޮލިޓީ ހުރި ބޭފުޅެއްގެ ގޮތުގައި ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ މިހާރުގެ މޭޔަރު އާދަމް އާޒިމްގެ އަރިހުން ދަސްވި ފިލާވަޅުތަކަށްޓަކައި ވެސް ނަރީޝް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
މީގެ އިތުރުން އެ މަގާމަށް އޭނާ ހޮވުމަށްޓަކައި ބުރަކޮށް މަސައްކަތްކޮށްދެއްވި ދާއިރާގެ ރައްޔިތުންނާއި، ޕީއެންސީ/ޕީޕީއެމް ލީޑަޝިޕާއި ޚާއްސަކޮށް ރައީސް ޑރ.މުއިއްޒަށް ނަރީޝް ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް ނަރީޝް އިންތިޚާބު ކޮށްފައި ވަނީ ޖޫން 21، 2021ގައެވެ. އެއީ 19 ކައުންސިލަރުންގެ ތެރެއިން 12 ކައުންސިލަރުންގެ ވޯޓާއެކު އެވެ.




