ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމާއި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިއްސާ އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް އަދި އެމްއައިބީގެ ސީއީއޯ މުފައްދަލް އިދްރީސް ޚުމްރީއާ އެކު ވަކިވަކިން ބޭއްވުނު ބައްދަލުވުންތަކެއްގައެވެ.
ބީއެމްއެލްގެ ސީއީއޯއާ އެކު ބޭއްވުނު ބައްދަލުވުމުގައި މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވެފައި ވަނީ، ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް ބީއެމްއެލްގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ތިމާވެށި ރައްކާތެރިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
މިބައްދަލުވުމުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް އެ ބޭންކުން ކުރެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން، މި ދާއިރާތަކަށް އަމާޒުކޮށްގެން ޚާއްޞަ ލޯނު ސްކީމްތަކެއް ތަޢާރަފުކުރުމަށް ދިރާސާކުރަމުންދާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އެމްއައިބީގެ ސީއީއޯއާ އެކު ބޭއްވުނު ބައްދަލުވުމުގައި މިނިސްޓަރު ޠާރިޤު އިބްރާހީމް ފާހަގަކުރެއްވީ، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމު ކަމަށާއި މި ދާއިރާގައި އެމްއައިބީގެ ރޯލު ފުޅާކުރުމަށް ސަރުކާރުން ބޭނުންވާ ކަމަށެވެ.
މިބައްދަލުވުމުގައި ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރުމަށް އެމްއައިބީގެ ޝައުޤުވެރިކަން އޮތްކަން ހާމަކުރައްވާ އެމްއައިބީގެ ސީއީއޯ މުފައްދަލް އިދްރީސް ޚުމްރީ ވިދާޅުވީ ތިމާވެށި ރައްކާތެރިކުރުމުގެ މަޝްރޫޢުތަކަށް ފައިނޭންސްކުރުމަށްވެސް އެ ބޭންކުން ތައްޔާރަށް ހުރި ކަމަށެވެ.
މި ބައްދަލުވުންތަކުގައި ދެ ބޭންކާއެކު ވަކިވަކިން އެއްބަސްވެވިފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި މި ދާއިރާތަކުގައި އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށާއި، ގުޅިގެން މަސައްކަތްކުރުމަށެވެ. މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށްޓަކައި އެއްބާރުލުން ދިނުމަށް ދިނުމަށްވެސް އެއްބަސްވެވުނެވެ.




