ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރެއް ގާއިމުކުރަން އެގްރިކަލްޗާރ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއަަށް ރަށެއް ދީފިއެވެ.
އެ މިނިސްޓްރީއަށް ދީފައި ވަނީ އދ. އަރިޔަދޫ އެވެ.
އެގްރިކަލްޗާރ މިނިސްޓްރީން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ރުއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމުގެ ދަށުން އަރިޔަދޫގައި ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އެ ސެންޓަރުން ރާއްޖޭގައި ހެދޭ އަދި ހައްދަން ބޭނުންވާ މަތިވަރާއި ފެންވަރު ރަނގަޅު (ޖެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަކެއް ގާއިމުކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެގްރިކަލްޗާރ މިނިސްޓްރީން ބުނެފައި ވެއެވެ.
ހަމައެހެންމެ ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ އެކަމަށް ހައްލު ހޯދުމުގެ މަސައްކަތަށް މަގުފަހިވާ ރިސާޗްތައްފަށައި، ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާނެ ފައިދާހުރި ދިރޭ ސޫފާސޫތްޕާއި ފަނިފަކުސާ އާލާކުރުމުގެ މަސައްކަތްތައްވެސް އެ ރަށުގައި ކުރިއަށް ގެންދާނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން ކާނާގެ ޔަގީންކަން ގާއިމުކުރުމަށް ޕްރޮގްރާމުތައް ހިންގަން ބޭނުންވާ ތަފާތު މުޑުވައްތައް އެ ރަށުގައި އުފައްދާނެ ކަމަށްވެސް އެގްރިކަލްޗާ މިނިސްޓްރީން ބުނެފައި ވެއެވެ.



