ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލަތަކުގައި، އެ ކޮމިޝަންގެ ތަހުގީގު ކޮމިޓީން ކުރާ ސުވާލުތަކަށް ޖަވާބުދާރީ ވާންޖެހޭ ފަރާތަކީ ފަނޑިޔާރު ކަމަށާއި އެފަދަ ސުވާލުތަކަށް ޖަވާބުދެއްވާނީ ފަނޑިޔާރުގެ ވަކީލެއް ނޫން ކަމުގައި ޖޭއެސްސީން މިއަދު ބުނެފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާ ވަނީ އިއްޔެ އެ ކޮމިޝަނަށް ހާޒިރުކޮށްފައެވެ. އަޒްމިރަލްދާ ހާޒިރުކުރީ އޭނާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއިލް ލަތީފު ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައެވެ.
މި މައްސަލައާ ގުޅިގެން ތަހުގީގަށް އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރު ކުރީ އިއްޔެ ހެނދުނު 10 ޖެހިއިރުއެވެ. އަޒްމިރަލްދާ ޖޭއެސްސީއަށް ވަޑައިގެންނެވީ އޭނާގެ ވަކީލު އިބްރާހިމް ޝާމިލްއާ އެކުގައެވެ.
މައްސަލައިގެ އަޑުއެހުމަށްފަހު އަޒްމިރަލްދާގެ ވަކީލު ”އެކްސް“ ގައި ވިދާޅުވީ އެ އަޑުއެހުމުގައި ވަކީލަށް ވާހަކަދައްކަން ޖޭއެސްސީން ފުރުސަތު ނުދޭ ކަމަށެވެ. އެގޮތުން ވަކީލް ޝާމިލް ވިދާޅުވީ ކޮމިޝަނުން ނަގާފައިވާ ތަހުގީގު ކޮމިޓީގެ ސުވާލުތަކަށް ޖަވާބު ދެއްވަން ޖެހިވަޑައިގަތީ ސީދާ ފަނޑިޔާރަށް ކަމަށާއި ފަނޑިޔާރުގެ ދިފާއުގައި ވަކީލަށް ވާހަކަ ދައްކަވަން ފުރުސަތު ނުދެއްވި ކަމަށެވެ.
ވަކީލުގެ ޝާމިލްގެ ވާހަކަތަކާ ގުޅޭގޮތުން ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރު އަޒްމިރަލްދާއާ ގުޅޭގޮތުން އެ ކޮމިޝަނުން ބަލަމުންދާ މައްސަލައާ ޤާނޫނުއަސާސީއާއި ޤާނޫނުން ފަނޑިޔާރަކަށް ލިބިދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފަނޑިޔާރު އަޒްމިރަލްދާއަށް ދީފައިވާނެ ކަމަށެވެ.
އެގޮތުން އެ ކޮމިޝަނުން ބަލަމުންދާ މައްސަލައިގެ ތަހުގީގުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އަޒަމިރަލްދާގެ ފަރާތުން އެދިލެއްވުމުން، އެ ފުރުސަތު 6 މާރިޗް 2025 ގައި ދެއްވާފައިވާނެ ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެއެވެ.
އިއްޔެ ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު އަޒްމިރަލްދާއާއެކު ވަކީލު ޝާމިލުވެސް ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކުރައްވަމުން ޖޭއެސްސީން ވިދާޅުވީ އެ އަޑުއެހުމަށްފަހު ވަކީލު މީޑިއާތަކަށް ދެއްވާފައިވާ މައުލޫމާތުތަކަކީ ހަގީގަތާ ޚިލާފު މައުލޫމާތުތަކެއް ކަމަށެވެ.




