ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދިރާސާ ކުރަމުންދާ ”ގާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލު“ އަށް އާންމުންގެ ޚިޔާލު ހޯދުމަށް މިއަދު ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި ބިލަށް އެއްވެސް ފަރާތަކުން ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 17 މާރިޗު 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގެ އީމެއިލް އެޑްރެސް economic.affairs_committee@majlis.gov.mv އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށެވެ.
ސަރުކާރުގެ ފަރާތުން ތިމަރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ރިޔާޟް ހުށަހަޅުއްވާފައިވާ މި ބިލުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ:
1. ކްރައިސިސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުމާގުޅޭ އުސޫލު އިސްލާޙު ކުރުން.
2. ޓޫރިސްޓް ރިޒޯޓު ހެދުމަށް ދޫކުރާ ރަށް ނުވަތަ ބިން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމާގުޅޭ އުސޫލު އިސްލާޙު ކުރުން.
3. ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކޮށް ހިންގަމުންދާ ތަންތައް ރީޑިވެލޮޕްކުރުމަށްޓަކައި ބަންދުކުރުމާބެހޭ އުސޫލުތައް ކަނޑައެޅުން.
4. ޓޫރިޒަމް ޓްރަސްޓް ފަންޑެއް ޤާއިމުކޮށް ހިންގުމާބެހޭ އުސޫލުތައް ޤާނޫނުގައި ހިމެނުން.



