ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ އިސްބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ރޯދަވީއްލުމެއް ދެއްވައިފިއެވެ.
މުލީއާގޭގައި މިއަދު ބޭއްވެވި މި ރޯދަވީއްލުމަށް ވަޑައިގެންނެވި ޢިއްޒަތްތެރިންނަަށް ރައީސްގެ ދެކަނބަލުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި އެބޭފުޅުން ވަނީ ރައީސްގެ ދެކަނބަލުންނަށް އިޙްތިރާމް އަދާކުރައްވާފައެވެ.
މި ރޯދަ ވީއްލުމުގައި ރައީސް މުޢިއްޒުއާއި މެޑަމް ސާޖިދާގެ އަރިހުގައި ނައިބު ރައީސް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދުގެ އިތުރުން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލްއާއި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



