ވ. ފެލިދޫގައި ސަރުކާރުން ހިންގި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ފުރިހަމަކޮށް ނިންމާލައިފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން 35 ޓަނުގެ ދެ އާރްއޯ ޕްލާންޓް ވަނީ ޤާއިމުކުރެވިފައެވެ. މީގެ އިތުރުން، 265 ޓަނުގެ ބޯފެން ރައްކާކުރާ ދެ ޓޭންކާއި 500 ޓަނުގެ ވާރޭފެން ރައްކާކުރާ އެއް ޓޭންކް ވަނީ ބަހައްޓާފައެވެ.
އެވުޒާރާއިން އިތުރަށް ވިދާޅުވީ މިމަޝްރޫޢުގެ ދަށުން ނަރުދަމާ ނިޒާމުގެ ބައިގައި ދެ ޕަންޕިން ސްޓޭޝަން ޤާއިމުކުރެވި، 4.2 ކިލޯމީޓަރުގެ ފެނުގެ ވިއުގައަކާއި 3.7 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް އަޅާފައިވާކަމަށާއި 30 ކިލޯވޮޓުގެ ސޯލަރ ޕެނަލްތަކެއްވެސް ހަރުކުރެވިފައިވާ ކަމަށެވެ.
މިމަޝްރޫޢުގެ މަސައްކަތްތައް ނިމުމާއެކު، މިހާރު އޮޕަރޭޓަރާ ހަވާލުކުރެވިފައިވާކަން ހާމަކުރައްވާ އިމާރާތްކުރުމާބެހޭ ވުޒާރާއިން ވިދާޅުވީ މިވަގުތު ޑިފެކްޓްސް ލަޔަބިލިޓީ ޕީރިއަޑްގެ ދަށުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ.
2023 ވަނަ އަހަރު ފެށުނު މި މަޝްރޫޢަކީ އިންޑިޔާގެ އެގްޒިމް ބޭންކުގެ މާލީ އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ކަލްޕަތަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑުންނެވެ.
ފާއިތުވި މަހު ގދ. ފަރެސްމާތޮޑާ، ލ. އިސްދޫ އަދި ލ. ގަމުގައިވެސް ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތައް ވަނީ ނިންމާލާފައިކަން ފާހަގަކުރެވެއެވެ.



