އދ. ހަންޏާމީދޫ ކަލާފާނު ޒިޔާރަތް އާބާތުރަފިލުވައި ތަރައްޤީކުރުމުގެ މަސައްކަތް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ފަރާތުން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އާދަމް ނަޞީރު އިބްރާހީމެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވާފައިވާ ޣާޒީ ބަންޑާރައިންގެ އަސަރުތަކުގެ އަސްލު ނުގެއްލޭ ގޮތަށް ހިމާޔަތްކުރުމާއި، މާއްދީ އެހެން ތަރިކަތައް ހިމާޔަތް ކުރުމާއި، ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫޢުގެ ދަށުން ކުރާ މަސައްކަތެކެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަލީ ނަޞީރު ވިދާޅުވީ، އެރޭ ފާހަގަ ކުރަނީ ދެ ކަމެއް ކަމަށާއި އެއީ ހަންޏާމީދޫގައި ހުރި ކަލާފާނުގެ ޒިޔާރަތް މަރާމާތު ކުރުމާއި ތަރައްޤީ ކުރުން ކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންދާނީ ޒިޔާރަތް މަރާމާތު ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޒިޔާރަތް އެރުވުމަކީ ދިވެހި ސަގާފަތުގައި ކޮށްއުޅުނު ކަމެކެވެ. ޒިޔާރަތް އަރުވާ އުޅެނީ ރަސްރަސްކަލުންނަށާއި މާތް ވަލީވެރި ދަރަޖައިގެ ބޭކަލުންނަށެވެ. ހަމައެކަނި ޝަހީދަކަށްވެގެން ނޫނީ ބަޠަލަކަށްވެގެން އަދި ޒިޔާރަތެއް ނޭރުވެއެވެ.
މި ޒިޔާރަތް ނިސްބަތްވާ ކަލާފާނަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވި ބަޠަލު، މުހައްމަދު ބޮޑު ތަކުރުފާނުގެ ދަރިކަލުންނެވެ. ކަލާފާނަށް ޒިޔާރަތް އެރުވުނީ އެއީ ދިވެހި ރަސްކަމުގައި އިންނެވި ފަރާތަކަށްވުމުގެ އިތުރުން އެއީ ޝަހީދުކުރެވުނު ފަރާތަކަށްވެސް ވީތީއެވެ. ވީމާ ރަސްކަލެއްގެ އިއްޒަތާއެކު ޝަހީދެއްގެ ދަރަޖަ ލިބިވަޑައިގެންނެވި ފަރާތަކަށްވީތީ ޒިޔާރަތަށް އެރުވުނީއެވެ.




