ޖަމަލުތަކަކާ ގުޅިގެން ހިނގި އެކްސިޑެންޓްތަކެއްގައި އޮމާންގެ ތިން މީހަކު މަރުވެއްޖެއެވެ.
ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ ހޯމަ ދުވަހު އޮމާންގެ މެދުތެރޭގެ އަލް ވުސްޓާ ގަވަރުނަރޭޓްގެ ޑޫކްމް ޕްރޮވިންސްގައި އޮމާންގެ ދެ މީހަކު ކާރުގައި ދަތުރުކުރަމުން ދަނިކޮށް ގޯޅިއެެއްގެ ތެރެއިން ނިކުތް ޖަމަލެއްގައި ޖެހުމުންނެވެ.
އެ އެކްސިޑެންޓް ހިނގުމާއެކު އެ ދެ މީހުން ވަނީ ވަގުތުން މަރުވެފައެވެ. މަރުވި ދެ މީހުންނަކީ އޮމާންގެ އުތުރު ފަރާތުގައި އޮންނަ ރުސްތާގުގައި ދިރިއުޅޭ ދެމީހުން ކަމަށާއި އެކްސިޑެންޓް ހިނގިއިރު އެމީހުންގެ ދަތުރުކުރަމުން ދިޔައީ މަަސައްކަތަށް ދިއުމަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ދެވަނަ އެކްސިޑެންޓްގައި އާދީއްތަ ދުވަހު އޮމާންގެ ޝަރްޤިޔާ ގަވަރުނަރޭޓްގައި މީހަކު އޭނާގެ ވެހިކަލްގައި ދަނިކޮށް ގޯޅިއަކުން ނިކުތް ޖަމަލެއްގައި ޖެހިގެން ހިނގި އެކްސިޑެންޓްގައި އޭނާވެސް ވަނީ އެ ވަގުތު މަރުވެފައެވެ.
ފާއިތުވި ދެ ދުވަހު މުޅި އޮމާންގައި މަގުމައްޗަށް ދޫކޮށްލާފައިވާ ޖަމަލުތަކާ ގުޅިގެން ހިނގި ބިރުވެރި ދެ ޓްރެފިކް އެކްސިޑެންޓެއްގައި އޮމާނުގެ ތިން މީހަކު މަރުވެފައިވާ ކަމަށް ރޯޔަލް އޮމާން ޕޮލިސް (އާރުއޯޕީ) އިން ވެސް ވަނީ ޔަގީންކޮށްދީފައެވެ.
މި ހާދިސާތަކުގެ ސަބަބުން ސޯޝަލް މީޑިއާގައި ބޮޑު ހަލަބޮލިކަމެއް އުފެދިފައިވާއިރު، ގިނަ ބަޔަކު ވަނީ ޖަމަލުތައް މަގުމައްޗަށް ދޫކޮށްލުމުގެ އުސޫލަށް ފާޑުކިޔާފައެވެ. މީގެ ކުރިންވެސް ގިނަ ބަޔަކު ވަނީ މަގުމަތީގައި މިނިވަންކަމާއެކު ދޫކޮށްލާފައިވާ ޖަމަލުތަކުގެ ވެރިންނަށް ބޮޑެތި އަދަބުތަކެއް ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.


