ރާއްޖޭގެ 9 ރަށެއްގެ ހޮސްޕިޓަލާއި ސިއްޙީ މަރުކަޒުތައް އަޅަން ސަރުކާރުން ތިން ކުންފުންޏަކާ ރޭގައި ހަވާލުކޮށްފިއެވެ.
އެގޮތުން ސަރުކާރުގެ ފަރާތުން މި މަސައްކަތްތައް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ފެނަކަ އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މި މަޝްރޫޢުއަކީ ޖުމްލަ 627،957،964ރ. (627 މިލިއަން ރުފިޔާ) ގެ ބަޖެޓެއްގެ ދަށުން ހެލްތު މިނިސްޓްރީން ހަވާލު ކުރި މަޝްރޫަޢު އެކެވެ.
އެގޮތުން މި މަޝްރޫޢުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ހަތަރު ރަށެއްގައި އިމާރާތް އެޅުމުގެ މަސައްކަތެވެ.
އެއީ:
– ނ. ފޮއްދޫ ސިއްހީ މަރުކަޒު: 26،878،072.40ރ
– ށ. މާއުނގޫދޫ ސިއްހީ މަރުކަޒު: 27،219،325.40ރ
– ވ. ފެލިދޫ ހޮސްޕިޓަލް: 105،360،655.93ރ
– ތ. ވިލުފުށީ ހޮސްޕިޓަލް: 105،132،701.20ރ
ެެއެމްޓީސީސީގެ ފަރާތުން އެ މަސައްކަތާ ހަވާލުވެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ.
އާރްޑީސީއާ ވެސް ހަވާލުކުރީ ހަތަރު ރަށެއްގައި ސިއްޙީ ޚިދުމަތްދޭ އިމާރާތްތައް އަޅާށެވެ.
އެއީ:
– ކ. ގާފަރު ސިއްހީ މަރުކަޒު: 26،819،434.82ރ
– ހދ. ކުޅުދުއްފުށީގައި ދަމަނަވެށި އިމާރަތްކުރަން: 23،113،061.08ރ
– ހދ. ހަނިމާދޫ ހޮސްޕިޓަލް: 104،834،778.55ރ
– އދ. މާމިގިލީ ހޮސްޕިޓަލް: 105،004،634.47ރ
އެ އެއްބަސްވުމުގައި އާރުޑީސީގެ މެނޭޖިންގް ޑިރެކްޓަރު އަލީ ޒުހެއިރު އަދި ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފް ސޮއިކުރެއްވި އެވެ.
ފެނަކައާ ހަވާލުކުރީ ހއ. މަކުނުދޫގައި ސިއްޙީ މަރުކަޒެއް އެޅުމަށެވެެ. އެ އެއްބަސްވުމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އަދި ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް ސޮއި ކުރެއްވިއެވެ. އެ މަޝްރޫއު ހަވާލުކުރީ 103،595،304.83ރ. އަށެވެ.
އެއްބަސްވުންތަކުގައި ސޮއި ކުރެއްވުމަށްފަހު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އިތުރު ރަށްރަށުގައި ސިއްހީ ހިދުމަތްދޭ ތަންތަން ވަރަށް އަވަހަށް އަޅަން ހަވާލުކުރާނެ ކަމަށެވެ.



