އަސްކޮއި ޖަމާޢަތުގެ މައްސަލައެއް ތަޙްޤީޤުކުރްޤީޤުކުރަން އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
މި މައްސަލަ ބެލުމަށް ނިންމާފައި ވަނީ އެ ޖަމާޢަތުން ޢުމްރާއަށް މީހުން ގެންދިއުމުގެ ގަވާއިދާ ޚިލާފުވެފައިވާކަމަށް މީސް މީޑިއާގައި ފެތުރެމުންދާ މަޢުލޫމާތުތަކަކާ ގުޅިގެންކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އެގޮތުން ރޯދަމަހުގެ ފަހު ދުވަސްތަކާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭގޮތަށް ޢުމްރާއަށް ދިއުމަށް ގިނަ ބަޔަކު އަތުން ފައިސާ ނެގުމަށްފަހު، އެ ދަތުރު ނުކުރެވޭނެކަމަށް އަސްކޮއި ޖަމާޢަތުން އަންގާފައިވާކަމަށް މީސްމީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
މީގެއިތުރުން، ރަމަޟާން މަހުގެ 6 ވަނަ ދުވަހުގެ ރޭ މެސެޖަކުން ދަތުރު ނުކުރެވޭނެ ކަމަށް އަސްކޮއި ޖަމާޢަތުން އަންގާފައިވާ ކަމަށާއި ދައްކާފައިވާ ފައިސާ އަނބުރާ ލިބޭނީ ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ފަހުން ކަމަށްވެސް އެ ޖަމާޢަތުން ބުނެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި، އެހެން ޖަމާޢަތަކުން ރަމަޟާން މަހުގެ ޢުމްރާއަށް ޖާގަ ހޯދުމަށްފަހު ފައިސާ ދެއްކުމަށްޓަކައި، އަސްކޮއި ޖަމާޢަތަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދަން އުޅުނު ނަމަވެސް އެ ފައިސާ ލިބިފައިނުވާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީސްމީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އަސްކޮއި ޖަމާޢަތުގެ މައްސަލަ އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ކަމާގުޅުންހުރި ޔުނިޓުން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވެފައި ވަނީ، ޢުމްރާއަށް މީހުން ގެންދިއުމުގެ ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާމެދު މިނިސްޓްރީން ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށާއި ފަހަކަށްއައިސް ބައެއް ޖަމާޢަތްތަކުގެ ހުއްދަ ބާޠިލުކޮށް ފިޔަވަޅު އަޅާފައިވާކަމަށްވެސް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވިއެވެ.



