ސްޓެލްކޯގެ ފަރާތުން މި އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފިއެވެ.
މިކަމާ ގުޅޭގޮތުން ސްޓެލްކޯއިން މިއަދު ބުނީ، ހައްޖާއި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ އެކަަމަށްޓަކައި ބުދަ ދުވަހުގެ ބޭއްވި އެ ކުންފުނިން ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
އެގޮތުން މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް އިޖާބަދީ، ހައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި 102 މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 84 މުވައްޒަފެއްގައި ކަމަށާއި އުމްރާގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި 218 މުވައްޒަފުންގެ ތެރެއިން ޝަރުތުހަމަވެފައިވަނީ 215 މުވައްޒަފެއްގެކަން ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.
މީގެއިތުރުން ސްޓެލްކޯއިން ބުނީ، 2023 ވަނަ އަހަރާއި ހަަމައަށް ހައްޖު އަދި އުމްރާގެ ފުރުސަތު އެ ކުންފުނިން ދީފައިވަނީ ދެބަޔަށް ވެސް ކޮންމެ އަހަރަކު އަންހެން މުވައްޒަފަކަށާއި، ފިރިހެން މުވައްޒަފަކަށް ކަމަށެވެ. ނަމަވެސް، ކުންފުނީގެ އެކަމާއި ގުޅުންހުރި ޕޮލިސީއަށް ބަދަލުގެނެސް މިދިޔަ އަހަރު ވަނީ ހައްޖުގެ އަޅުކަމަށާއި، އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެން މުވައްޒަފު ހޮވުމަށް ނިންމާފައިކަން ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.

ސްޓެލްކޯގެ ފަރާތުން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:
• އަހުމަދު ވަހީދު – ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް
• ހަސަން ޒަރީރު – ކ. ކާށިދޫ އިންޖީނުގެ
• އާމިނަތު ޖަލީލާ – ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

އުމްރާގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:
• ބުންޔާމީން މުހައްމަދު ނަސީރު – ވިލިނގިލި އަވަށު އިންޖީނުގެ
• އަހުމަދު މުސްތަފާ – ވިލިނގިލި އަވަށު އިންޖީނުގެ
• ޝިފްރާ އިލްހާމް – ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓް
ސްޓެލްކޯއިން ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށާއި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.




